ކުޑަ ރަށެއް ބޮޑު ރަށެއް ނެތި ކުރީގެ ރައީސް ސޯލިހްގެ ސަރުކާރުން ރައްޔިތުންގެ ލޮލުގައި އެޅުވީ އަނދުން ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެެވެ.

މާރިޔާ މިހެން ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރުގައި ކުޑަ ރަށެއް، ބޮޑު ރަށެއް ތަފާތު ކުރެއްވުމެއް ނެތި ފެއްޓެވި މަޝްރޫޢުތައް މިހާރުގެ ސަރުކާރުން ހުއްޓާލާފައިވާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް ޝާހިދު ދެއްކެވި ވާހަކަ ތަކަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެކަމާ ގުޅިގެން ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ ކުޑަ ރަށެއް ބޮޑު ރަށެއް ނެތި ކުރީގެ ސަރުކާރުން ގެންދިޔައީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަމުން ކަމަށެވެ.





އެގޮތުން ދައުލަތުގެ ކުންފުނިތައް ބަނގުރޫޓް ކޮށްގެން ތަރައްޤީގެ މަޝްރޫޢުތައް ހިންގާކަމަށް އޭރުގެ ސަރުކާރުން ރައްޔިތުންނަށް ދައްކަމުން ގެންދިޔަ ކަމަށް މާރިޔާ ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވީ ކުރީގެ ސަރުކާރުން ހިންގި އެއްވެސް ޕްރޮޖެކްޓަކަށް ފައިސާ ނުދައްކައި ދައުލަތުގެ ކުންފުނިތަކުން ސަބްކޮންޓްރެކްޓްކުރި ކުދި ކުންފުނިތަކަށްވެސް ފައިސާ ނުދީ އިނދަ ޖައްސާލާފައިވާ ކަމަށާއި ރަތްމަންދުއަކީ އެކަމުގެ ލާމަސީލު މިސާލެއްކަމަށެވެ.

ވަޒީރު މާރިޔާ އިތުރަށް ވިދާޅުވީ ރައްޔިތުން ގައުމުގެ މިސްރާބު ބަދަލުކުރީ ކުންފުނިތައް ބަނގުރޫޓް ނުކޮށް، މަސްވެރިންނާއި ކޮންޓްރެކްޓަރުންނަށް އަގުދީގެން މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށްޓަކައި ކަމަށެވެ. އެގޮތުން ބަދަލުކުރި މިސްރާބުގައި އަމާޒު ހިފީ ‘ނާށިގަނޑު’ ދޫކޮށްލާފައި ‘ދިވެހިން ދިވެހިންގެ ރާއްޖެ’ އަށް ދާން ކަމަށް މާރިޔާ ވިދާޅުވިއެވެ. އެކަމަނާ ވަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރާ ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓް ދެއްވުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ.

"ދިވެހީން ދިވެހީންގެ ކެންޑިޑޭޓުންނަށް، ޕީޕީއެމް/ ޕީއެންސީ ކެންޑިޑޭޓުންނަށް ވޯޓު ދެއްވަންވީ! އެންމެ 4 މަސްދުވަހުގެ ތެރޭގައި މަސްކަނޑުތައް ބަލަހައްޓަން ފެށި ސަރުކާރަށް ސަޕޯރޓް ދެއްވާ!،" މާރިޔާ ވިދާޅުވިއެވެ.

މ. އަތޮޅު ރަތްމަންދޫގައި ހުންނަވައި ދެއްވި ވީޑިއޯ މެސެޖެއްގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރުގައި ކުޑަ ރަށެއް، ބޮޑު ރަށެއް ތަފާތު ކުރެއްވުމެއް ނެތި ފެއްޓެވި މަޝްރޫޢުތައް މިހާރުގެ ސަރުކާރުން ހުއްޓާލާފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރައީސް ސޯލިހުގެ ސަރުކާރުން ތަރައްގީގެ މަޝްރޫއުތަކަށް 1.7 ބިލިއަން ރުފިޔާ ހޭދަ ކުރެއްވި ކަމަށެވެ. މި ސަރުކާރުން މި ތިންމަސް ތެރޭގައި ހޭދަކޮށްފައިވަނީ 300 މިލިއަން ރުފިޔާ ކަމަށް ޝާހިދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން