ނިމިދިޔަ ސަރުކާރުގައި ފެނަކައިން އެވޯޑްކުރި 25 ޕްރޮޖެކްޓެއްގެ މައްސަލަ މިހާރުގެ ފެނަކައިގެ މެނޭޖްމަންޓުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފި އެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު އެކްސްގައި ވިދާޅުވީ ފެނަކައަށް އިންތިހާއަށް ގެއްލުންވާގޮތަށް ބީއޯކިއުއެއް އަދި މާކެޓްގައި މިމަސައްކަތްތައް ކުރެވޭނެ އަގަށް ބެލުމެއްނެތި އަދި އެސެސްމެންޓެއްވެސް ނަހަދާ، މަގާމުގެ ނާޖާއިޒު ފައިދާ ނަގާ، އިންހައުސްކޮށް ކޮށްފައިވާ 60 ކޮންސްޓްރަކްޝަން ޕްރޮޖެކްޓު ފާހަގަވެފައިވާ ކަމަށެވެ.

އަދި އޭގެ ތެރެއިން 25 ޕްރޮޖެކްޓުގެ މައްސަލަ އޭސީސީއަށް ވާނީ ހުށަހަޅާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ޕްރޮޖެކްޓްތަކުން ފެނަކައަށް ވަނީ އެތައް މިލިއަން ރުފިޔާގެ ގެއްލުން ލިބިފައި. އަދި އެތައް ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދެވި ކުންފުނި ވަނީ ބޮޑުތަނުން ދަރާފައި. ޒިންމާ ވާންޖެހޭ ފަރާތްތަކުގެ މައްސަލަ ލަސްނުކޮށް ބަލާ ގާނޫނީ ފިޔަވަޅު އަޅަންޖެހޭ." މުއާޒު ވިދާޅުވި އެވެ.

މުއާޒް ކުރިން ވިދާޅުވެފައިވާ ގޮތުގައި މި ސަރުކާރުން ފެނަކައާ ހަވާލުވީ 4.3 ބިލިއަން ރުފިޔާގެ ދަރަންޏާ އެކުގައި ކަމަށެވެ. އަދި ކޮންމެ މަހަކު ހަމައެކަނި މުސާރައަށް 86 މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހޭ ކަމަށް މުޢާޒް ވިދާޅުވިއެވެ.

އޭނާ ސިފަ ކުރަައްވާފައިވާ ގޮތުގައި ނިމިގެން ދިޔަ ސަރުކާރުން އޮތީ ފެނަކަ "ރޭޕް" ކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން