ވަކި ވައްތަރެއްގެ މަސްތުވާ ތަކެއްޗަށް ދެވިހިފައިގެން ދޭ ފަރުވާ ނުވަތަ މެތަޑޮން ޓްރީޓްމަންޓްގެ ނިޒާމު މިހާރަށްވުރެ ހަރުދަނާ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އާއްމުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ރައީސް އޮފީހުން ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ގައި އާއްމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން، މާލެ ސިޓީ، މއ. ސްނޯލައިޓް، އާމިނަތު ނަތާޝާ ސުވާލު ކޮށްފައި ވަނީ، މަސްތުވުމުން ސަލާމަތްވުމަށް ފަރުވާ ހޯދަމުންދާ މީހުން، އެ ފަރުވާ ފުރިހަމަކުރަން ފުރުޞަތު ދިނުމާ ބެހޭ ގޮތުންނެވެ.

އޭނާ ބުނީ، މަސްތުވާ ތަކެތި ބޭނުންކުރާ ކުދިންނަށް އެންޑީއޭއިން ދޭ ފަރުވާއަށް އެކުއްޖާ އަމިއްލަ ގޮތުން، މެތަޑޮންއަށް ބައިވެރިވި ފަހުން، ކުރީގެ މައްސަލައެއްގައި، ރީހެބަށް ދާން ޑްރަގް ކޯޓުން ހުކުމް ކުރާ ކަމަށެވެ.

"(ހުކުމްކުރީމަ) އެކުއްޖާ ވަޒީފާގަ ހުރެފަ ވަޒީފާ ދޫކޮށްލާފަ އެބަ ބުނޭ އެކޮޅަށް ދާން. އެހެންވީމަ އޭގެ ބަދަލުގައި އެ ކުއްޖާ ހުރި ޓްރީޓްމަންޓްގައި އެކުއްޖާއަށް ހުރެވޭނެ ގޮތެއް ހަދާދެވޭނެ ގޮތެއް ގާނޫނުގެ ތެރެއިން ހަމަޖައްސައިދިނުން (އެދެނެ)." ނަތާޝާ ރައީސަށް ދެންނެވިއެވެ.

މެތަޑޮން ޓްރީޓްމަންޓް ނަގާ ކުދިން އެކަން ކުރަމުން ދަނިކޮށް އަނބުރާ ގެންދަން އޮންނަ އޮތުން ބަދަލުކޮށް، ފަރުވާ ފުރިހަމަ ކުރެވޭނެ ތޯ ކުރި ސުވާކުގެ ޖަވާބުގައި ރައީސް ވިދާޅުވީ، އެގޮތަށް އުސޫލު ބަދަލު ކުރެވޭނެ ކަމަށެވެ.

"އަޅުގަނޑު އިރާދަކުރެއްވިއްޔާ ތިކަމާ ގުޅޭގޮތުން ހޯމްލައިން ސެކިއުރިޓީ މިނިސްޓްރީއާ އަދި ކަމާބެހޭ ފަރާތްތަކާ އެކީގަ ވާހަކަ ދައްކާ، ދަންނަވާނަން ތި ވިިދާޅުވި ކަންތައް މިހާރު އޮންނަ ގޮތް، މިހާރަށްވުރެ ހަރުދަނާ ކޮށް، އެކަމުގައި ޓްރީޓްމަންޓް އެއްކޮށް ކޮންޓިނިއުކޮށް ނިންމޭނެ ގޮތް ހަދައިދިނުމަށްޓަކާ ހަމަޖައްސަން ޖެހޭ ކަންތައްތައް ގާނޫނީ އިމުގެ ތެރެއިން ހަމަޖައްސަން." ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން