ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމްގެ ފައިސާއިން މަނީލޯންޑަރ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު އަވަސްކުރަން މަޝްވަރާ ކޮށްފި އެވެ.

އެފްއޭއެމަށް އެކި ތަންތަނުން ލިބޭ ފައިސާއަށް ޚިޔާނާތްތެރިވެ، އެފައިސާ ލިބުނު ބޭނުން ފިޔަވައި އެހެން ބޭނުންތަކަށް ބޭނުންކޮށް، އެފައިސާއިން މަނީ ލޯންޑަރ ކުރިކަމަށް ތުހުމަތު ކުރެވިގެން، ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން އަމުރު ކޮށްގެން ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ ތަހުގީގުކުރަމުން ނެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން މިއަދު ބުނީ އެ މައްސަަލަ ތަހުގީގުކުރަމުން ގެންދާ އިންވެސްޓިގޭޓަރުންނާ މިއަދު ޕްރޮސިކިއުޓަރ ޖެނެރަލް މުހައްމަދު ޝަމީމް ބައްދަލު ކުރައްވި ކަމަށެވެ.

އެ ބައްދަލުވުމުގައި، އެމައްސަލައިގައި މިހާރު ބާކީ ނުނިމި ހުރި މަސައްކަތްތަކަކީ ކޮބައިކަމާއި، އެމަސައްކަތްތައް ނިންމާނެ ގޮތުގެ ވަގުތު ރޮނގަކާބެހޭ ގޮތުން މަޝްވަރާ ކޮށް އެ މަސައްކަތުގައި ދައުލަތުގެ އިދާރާތަކުން ބޭނުންވާ އެހީތެރިކަން ހޯދޭނެ ގޮތްތަކާއި، މިމައްސަލައިގައި މިހާތަނަށް ލިބިފައިވާ ހެކިތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައި، ޕްރޮސިކިއުޓަރުން އެ ހެކިތައް ދިރާސާކޮށް، އިތުރަށް ހޯދައި ފުރިހަމަކުރަންޖެހޭ ކަންކަމަކީ ކޮބައިކަމާބެހޭ ގޮތުން މަޝްވަރާކޮށް، ގޮތްތަކެއް ނިންމިކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

"މީގެ ތެރޭގައި، މިމައްސަލައިގައި އިތުރަށް ތުހުމަތު ކުރެވޭ މީހުންގެ ބައިތަކުގައި ތުހުމަތު އިއްވައި ބަޔާން ނެގުމާބެހޭ ގޮތުންވެސް މަޝްވަރާ ކުރެވިފައިވެއެވެ. މިއަދުގެ ބައްދަލުވުމުގައި އެއްބަސްވެވުނީ، ފުލުހުން މިމައްސަލައިގައި ކުރައްވަން ހުރި މަސައްކަތްތައް ނިންމަވައި، ވީހާވެސް އަވަހަކަށް، ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް މިއޮފީހަށް ހުށަހަޅުއްވައި ދެއްވުމަށެވެ." ޕީޖީ އޮފީހުން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން