ގްރޭޓާމާލޭ ސަރަހައްދު ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށް ޤާއިމްކޮށްފައިވާ ގްރިޑުގައި ހިމެނޭ ކޭބަލްތަކުގެ މައްޗަށް އިސްތިހާރުތައް ޖެހުމަށްޓަކައި ދަގަނޑު ނުޖެހުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފިއެވެ.

ސްޓެލްކޯއިން މިއަދު އާންމުކުރި ނޫސްބަޔާނެއްގައި ބުނީ، އެކުންފުނިން މާލެއާއި، ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށް ޤާއިމްކޮށްފައިވާ ގްރޭޓާމާލޭ އިންޓަރކަނެކްޝަން ގްރިޑުގައި ހިމެނޭ 132 ކޭވީ. ގެ ކޭބަލްތަކުގެ މައްޗަށް އެކި ހަރަކާތްތައް ބޭއްވުމަށާއި، އެކި ކަހަލަ ޕޯސްޓަރުތަކާއި އިސްތިހާރުތައް ޖެހުމަށްޓަކައި ދަގަނޑުފަދަ ތަކެތި ޖަހަމުންދާކަން ފާހަގަ ކުރެވިފައިވާކަމަށެވެ.

ދައުލަތުން ޚަރަދުކޮށް، ހަތް ކިލޯމީޓަރުގެ ދުރު ރާސްތާއަކަށް އަޅާފައިވާ 200 މެގަވޮޓާއި ހަމައަށް ކަރަންޓު އެއް ސަބްސްޓޭޝަނުން އަނެއް ސަބްސްޓޭޝަނަށް ގެންދިއުމުގެ ޤާބިލްކަން ލިބިފައިވާ މިވިއުގައަކީ މިވަގުތު ރާއްޖޭގައި ބޭނުންކުރާ މިފަދަ ހަމައެކަނި ވިއުގައެވެ. މާލޭ އިންޖީނުގޭގައި ގާއިމްކޮށްފައިވާ 132 ކޭވީ. ގެ ސަބްސްޓޭޝަނުން ނިކުންނަ، މިވިއުގައިގައި ހިމެނޭ ކޭބަލްތައް އަޅާފައިވަނީ އުސްފަސްގަނޑު ސަރަހައްދުންގޮސް ސިނަމާލެ ބްރިޖާއި ހައިވޭ ހުރަސްކޮށް، ހުޅުމާލޭ އިންޖީނުގޭގައި ގާއިމްކޮށްފައިވާ 132 ކޭވީ. ގެ ސަބްސްޓޭޝަނާ ހަމައަށެވެ.

ސްޓެލްކޯއިން ބުނީ މިވަގުތު މާލެއަށް ބޭނުންވާ ކަރަންޓުގެ ބޮޑު އިންސައްތައެއްވެސް ހުޅުމާލެއިން މާލެއަށް މިވިއުގަ މެދުވެރިކޮށް ފޯރުކޮށްދެމުންދާއިރު، މި ވިއުގައަށް ގެއްލުންވެއްޖެ ނަމަ، މަރާމާތު ކުރުމަށް ގިނަ ވަގުތުތަކެއް ހޭދަވެ، މިކަމަށް ބޮޑު ހޭދައެއް ކުރަންޖެހޭނެކަމަށެވެ. އަދި މިއީ އެނަރޖައިޒް ކޮށްފައިވާ ވިއުގައަކަށްވުމުން، މި ވިއުގައިގައި ހިމެނޭ ކޭބަލަށް ދަނގަޑުފަދަ ތަކެތިން ގެއްލުމެއް ލިބިއްޖެނަމަ، މިއީ އެ ދަނގަޑު ޖަހާ ފަރާތުގެ ފުރާނައަށްވެސް ނުރައްކާވާނެ ހާދިސާއެއް ހިނގާފާނެ ކަމެއް ކަމަށް ސްޓެލްކޯއިން ބުނެއެވެ.

މީގެ އިތުރުން މި ވިއުގައަށް ގެއްލުމެއް ލިބިއްޖެނަމަ މާލެ ސަރަޙައްދަށް ފޯރުކޮށްދެމުންދާ ކަރަންޓުގެ ޚިދުމަތައް ބުރޫއަރައި، އެ ޚިދުމަތް އެންމެ ފުރިހަމަގޮތުގައި ދިނުމަށް ދަތިތަކެއް ކުރިމަތިވާނެކަމަށްވެސް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.

އަދި މިވިއުގައިގެ މަޢުލޫމާތު ކަމާއިބެހޭ ފަރާތްތަކާއި ހިއްސާކޮށްފައިވާއިރު، މިފަދަ ކަންކަން ރެގިއުލޭޓްކޮށް ބަލަހައްޓާ ފަރާތްތަކާއި، މަގުކޮނެ، އިސްތިހާރު ބޯޑުތައް ޖެހުމުގެ ހުއްދަދޭ ފަރާތްތަކުން އިތުރަށް ޒިންމާދާރުވެ، މިކަންކަމަށް އިތުރު ސަމާލުކަންދީ، މިވިއުގަ ރައްކާތެރިކޮށް ބޭއްވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކޮށްދިނުމަށާއި، ކަރަންޓުގެ ޚިދުމަތައް ބުރޫ ނާރާނެ އެންމެހާ ފިޔަވަޅުތަކެއް އަޅަމުންގެންދިއުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން، ގްރޭޓާމާލޭ އިންޓަރކަނެކްޝަން ގްރިޑުގައި ހިމެނޭ ކޭބަލްތަކުގެ މައްޗަށް ދަނގަޑުޖަހައި ކޭބަލްތަކަށް ގެއްލުންވެދާނެ ގޮތްތަކަށް އަމަލު ކުރަމުންދާ އެންމެހާ ފަރާތްތަކުން އެފަދަ ކަންކަން ވަގުތުން ހުއްޓާލުމަށްވެސް ސްޓެލްކޯއިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި މިއާޚިލާފަށް އަމަލު ކުރުމުގެ ސަބަބުން އެ ކޭބަލްތަކަށް ގެއްލުންވެ، ކަރަންޓުގެ ޚިދުމަތައް ބުރޫ އަރައިފިނަމަ އެކަމުގެ ޒިންމާވާ ފަރާތްތަކަށް ދަޢުވާކޮށް، މީގެ ސަބަބުން ލިބޭ މާލީ ގެއްލުމުގެ ބަދަލު ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން