43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު އަރުވައިފައިނުވާ ބޭފުޅުންގެ ރެކޯޑު ހޯއްދެވުމަށްފަހު، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން ވަޒީފާއިން ވަކިވެވަޑައިގެންފައިވާ ބޭފުޅުންނާއި، ވަޒީފާގައި ދެމިތިއްބެވި ބޭފުޅުންނަށް މިދިޔަ އަހަރު ސަރުކާރުން ވަނީ އިނާމު ދެއްވާފައެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސް މުއިއްޒު ނިންމަވާފައިވަނީ ދައުލަތުގެ ވަޒީފާއިން ވަކިވެވަޑައިގެންފައިވާ ބޭފުޅުންނާއި، ވަޒީފާގައި ދެމިތިއްބެވި ބޭފުޅުންގެ ކުށާއި ދަރަނީގެ ރެކޯޑާއި، އަދާކުރެއްވި ވަޒީފާތަކާއި، ވަޒީފާ އަދާކުރެއްވި ގޮތުގެ ތަފްސީލު މައުލޫމާތު، އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވައިގެން، އެ ކޮމިޓީން ބައްލަވަންޖެހޭ ކަންތައްތައް ބެއްލެވުމަށްފަހުގައި، އެ ބޭފުޅުންނަށް އިނާމު އެރުވުމަށް ކަމަށެވެ.

އެގޮތަށް ހަމަޖައްސާފައިވަނީ ވަޒީފާއިން ވަކިވެވަޑައިގެންފައިވާ ގިނަ ބޭފުޅުންނަށް އަމިއްލަފުޅު ރެކޯޑުތައް ހޯއްދެވުމުގައި ދަތިތަކެއް ކުރިމަތިވުމާއި އަދި އޭރު އެ ބޭފުޅުން ހިދުމަތް ކުރެއްވި ބައެއް މުއައްސަސާތައް އުވާލައްވައިފައި ވުމާއެކު، މައުލޫމާތު އެއްކުރެއްވުމުގައި ދަތިތަކެއް ކުރިމަތިވެވަޑައިގަންނަވާތީ، އެކަމަށް ހައްލެއް ގެނެސްދެއްވުމަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މިގޮތަށް ކަނޑައެޅުއްވުމުން 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުން، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމަށް މިހާރު ހުޅުއްވައިލައްވައިފައިވާ ފުރުސަތުގައި، އިނާމަށް ނަން ހުށަހަޅުއްވަން ޖެހިވަޑައި ނުގަންނަވާނެއެެވެ. އަދި 40 އަހަރާއި 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ރެކޯޑާއި މައުލޫމާތުވެސް ހޯއްދެވުމަށްފަހު، ކުރިއަށް އޮތް އަހަރުތަކުގައި، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެެ.

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު މި އަހަރު ދެއްވުމަށް ހަމަޖައްސަވައިފައި ވަނީ، މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން