ކުރިއަށްއޮތް ދެ އަހަރު ދުވަސް ވެގެންދާނީ އިމިގްރޭޝަނުން ދޭ ހިދުމަތްތައް ޒާމާނާ އެއްގޮތަށް ބޮޑެތި ލުއިފަސޭހަ ބަދަލުތަކެއް ގެންނާނެ އަހަރު ތަކަކަށްކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންސް މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.

މޯލްޑިވެސް އިމިގްރޭޝަނަށް 74 އަހަރު ފުރުމާއި ގުޅިގެން ނެރުއްވި ބަޔާނެއްގައި ޝަމްޢާން ވިދާޅުވީ، އޭނާ އެ މަގާމާއި ހަވާލުވެ ވަޑައިގެންނެވިއިރު އެންމެބޮޑަށް ފާހަގަ ކުރެވުނު އެއްކަމަކީ އިމިގްރޭޝަންގެ ތެރޭގައި މުވައްޒަފުންގެ މެދުގައި ކުރިންއޮތް ބަދަހި ގުޅުން ހީނަރުވެފައިވާކަންކަމަށެވެ. މުއައްސަސާގެ އެންމެ މުހިންމުބަޔަކީ މުވައްޒަފުންކަމަށްވާއިރު އެ ގުޅުންތެރިކަން ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް މިވީ މަދު ދުވަސްކޮޅުތެރޭ ވެސް ކުރައްވާފައިވާނޭ ކަމަށާއި އެކަމުގެ ހެޔޮ ބަދަލު މިހާރުވެސް ފެންނަން ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޝަމްޢާންގެ ބަޔާނުގައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް އިމިގްރޭޝަނުން ރައްޔިތުންނަށް ދޭ ހިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ކުރު މުއްދަތެއްގެ ތެރޭގައި ކުރެވުނު މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ.

އެގޮތުން، ދިވެހި ޕާސްޕޯޓާ ގުޅޭ ހިދުމަތް ލުއިފަސޭހަކުރުމާއި، ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި ދިވެހިން ހޯދާ ހިދުމަތްތަކަށް ލުއިފަސޭހަ ބަދަލުތަކެއް ގެންނަވާފައިވާ ކަމަށާއި އަދި އަތޮޅުތަކުގައި ގާއިމުކޮށްފައިވާ އިމިގްރޭޝަންގެ އޮފީސްތަކުން ދެމުން އަންނަ ހިދުމަތްތައް ދެގުނަ އަވަސްކޮށްފައިވާކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް، ސަރުކާރުގެ ކަމާގުޅުންހުރި މުއައްސަސާތައް ގުޅިގެން، ހާއްސަ އިސްކަމެއް ދޭ މަސައްކަތެއްގެ ގޮތުގައި އެ މަސައްކަތް ފައްޓަވާ ކުރިއަށްގެންދަމުންދާކަމަށް ވެސް ޝަމްއާން ވިދާޅުވިއެވެ.

ޝަމްއާން ވިދާޅުވީ މި ފެށުނު އަހަރު ވެގެންދާނީ އިމިގްރޭޝަންގެ މަސައްކަތްތައް ޒަމާނީވެ މުވައްޒަފުންގެ ގުޅުން ހަރުދަނާ ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ އަހަރަކަށް ކަމަށެވެ.

ރާއްޖޭގައި އިމިގްރޭޝަންގެ ޚިދުމަތް ފެށީ 1950 ވަނަ އަހަރުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން