މާލޭގެ ގެސްޓްހައުސްއަކަށް ކުޑަކުއްޖަކު ގެންގޮސް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިހުރި މީހަކު ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.

އަނީސް ނަމަކަށްކިޔާ އެ މީހަކީ 2020 ވަނަ އަހަރުގެ ތެރޭގައި 11 އަހަރުގެ ކުޑަކުއްޖަކަށް އެކިތަކެތި ގަނެދީ ގުރޫމްކޮށްގެން އޭނާއަށް ޖިންސީ ގޯނާކުރި މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިހުރި މީހެކެވެ.

ނަމަވެސް، ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ ފަހުކޮޅު އޭނާ ބަންދުން ދޫކޮށްލީ އޭނާ ބަންދުގައި ހުރިއިރު ގަވާއިދާ ހިލާފު ކަމެއް ނުކުރާތީ އާއި އެ މައްސަލާގައި ހެކިބަސް ނެގުން ނިމިފައިވާ ކަމަށް ބުނެއެވެ.

ނަމަވެސް ހައިކޯޓުގައި އެ މައްސަލަ ބެލުމަށްފަހު މިއަދު ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ، މައްސަލައިގެ ހެކިބަސް ނަގައި ނިމިފައި އޮތުމަކީ އޭގެ މައްޗަށް އެކަނި ބިނާކޮށް ދައުވާލިބޭ މީހަކު ބަންދުން ދޫކޮށްލަންޖެހޭ އެކަށީގެންވާ ސަބަބެއް ނޫން ކަމަށާއި ބަންދުގައި ބަހައްޓާފައިވާ ހާލަތު ބަދަލުވުމުން އެ މީހަކު ބަންދުން ދޫކުރެވޭނީ އަސްލު މައްސަލައަށް އަސަރު ނުކުރާނެ ގޮތަކަށް އަދި ބަންދުން ދޫކުރުމުގެ ޝަރުތުތަކާ އެއްގޮތަށް އަމަލު ކުރާކަން ބެލެހެއްޓޭނެ ގޮތެއްގެ މަތިން ކަމަށް ހުކުމުގައި ވެއެވެ.

މީގެ އިތުރުން އިސްތިއުނާފުކުރިއިރު އޭނާ ހުރީ ގޭބަންދުގައިކަމުން އޭނާ ގޭބަންދަށް ބަދަލުކުރި ގޮތާއިމެދު ވެސް ކޯޓުން ވަނީ ސުވާލު އުފައްދާފައެވެ.

އެފަދަ ކަންކަން ފާހަގަކުރުމަށްފަހު ހައިކޯޓުން ހުކުމްކޮށްފައިވަނީ، އޭނާ އަލުން ބަންދުކުރުމާމެދު ކްރިމިނަލް ކޯޓުން ގޮތެއް ނިންމަންދެން ހަތް ދުވަހުގެ މުއްދަތަށް އަނީސް ބަންދުކުރުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން