އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށްފަހު ހަތަރު މަސް ވަންދެން އެމްޑީޕީ އަށް މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް ކަމަށާއި އެހެން ނަމަވެސް އެޕާޓީއަށް ރައްޔިތުންނަށް އެއްވެސް ކަމެއް ނުކޮށްދެވުނު ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ތ. ވިލުފުށީ ދާއިރާއަށް ޕީއެންސީ ޓިކެޓުގައި ވާދަކުރައްވާ ހަސަން ވަހީދުގެ ކެންޕޭން ޖަގަހަ ހުޅުވުމަށް މިރޭ ހުޅުމާލޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަަދު މުޢިއްޒު ވިދާޅުވީ އަންނަ މަޖިލިސް އިންތިހާބުގައި މެޖޯރިޓީ ލިބިއްޖެނަމަ ފްލެޓްތަކާއި ގޯތިތައް ދޭނެ ކަމަށް އެމްޑީޕީން ބުނަމުންދާ ކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށްފަހު ވެސް ހަތަރު މަސްވަންދެން އެމްޑީޕީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ކަމަށާއި އެހެން ނަމަވެސް ރައްޔިތަކަށް ކޮށްދެވުނު ކަމެއް ނެތް ކަމަށެެވެ. އަދި މަޖިލީހުގެ މެޖޯރިޓީ މިހާރުވެސް އެމްޑީޕީގައި އޮތްއިރު ފުލެޓާ ގޯތި ހަވާލު ނުކުރެވެންވީ ކީއްވެތޯ ރައީސް ވަނީ ސުވާލު ކުރަށްވާފައެވެ.

ރައީސް ވިދާޅުވީ އެމްޑީޕީގެ އިހުލާސްތެރިކަމެއް ނެތް ކަމަށާއި އެޕާޓީން ދައްކާ އެފަދަ ވާހަކަތަކާއި މެދު ރައްޔިތުން ވިސްނަންވެއްޖެ ކަމަށެވެ. އެގޮތުން މިދިޔަ ސަރުކާރުން ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ފްލެޓްތަކާއި ގޯތިތައް މި ސަރުކާރުން ހަވާލުނުކޮށްގެން އުޅޭނަމަ އެކަން މެޖޯރިޓީ އޮތް އެމްޑިޕީއަށް ކުރެވެން އެބައޮތް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"ފަސް އަހަރު ނިމެން ދެ ތިން މަހަށްވެ ދެތިން ހަފުތާއަކަށް ވީމަ ދިން ގޯތިތައް ނޫނީ ދޭން އިއުލާނު ކުރި ގޯތިތައް ކުރިން ނުދިން ސަބަބެއް ވެސް އޮންނަން ވާނެތާ. ހަމަ އެ މެޖޯރިޓީ އޮތް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ފްލެޓާއި ގޯތި ދެއްވާނެ ކަމަށެވެ. އަދި އެއީ އެމްޑީޕީ ވެރިކަމުގައި އޮވެ އަދި އެ ޕާޓީ އަށް މަޖިލީހުގެ މެޖޯރިޓީ ލިބި ނުކޮށް އޮތް ކަމެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް މުޢިއްޒު ރޭ ވަނީ އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ހުރިހާ ވައުދެއް ފުއްދަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން