ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ގެނެސްފައިވާ އަސްކަރީ ޑްރޯންތައް އޮޕަރޭޓްކުރަން ބޭރުގެ ސިފައިން ރާއްޖޭގައި ނުތިބޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިމޭރުމުން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމަށް އަލަށް ގެނައި ޑްރޯންތައް ދުއްވުމާ އޮޕަރޭޓްކުރުމުގެ ކަންކަމުގައި ބޭރުގެ ސިފައިން ރާއްޖޭގައި ތިބޭނެތޯ މާލެ ސިޓީ، މއ.ނައިޓްލައިޓް، މުޙައްމަދު އިޙްސާން ވަނީ ރައީސް އަރިހުގައި ސުވާލު ކުރަށްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގައި ބޭރުގެ ސިފައިން ގެންގުޅުމުގެ އެއްވެސް ސިޔާސަތެއް މި ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.

އެގޮތުން ދާދި ފަހުން އިފްތިތާހުކުރި ސިފައިންގެ ވައިގެ ފޯސްއާއި އަދި ރާއްޖޭގެ ކަނޑުގެ ސަަރަހައްދުތައް ބެލެހެއްޓުމަށް ބޭނުންކުރާ ޑްރޯންތައް އޮޕަރޭޓް ކުރުމުގައިވެސް ބޭރުގެ ސިފައިން ނުތިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ތުރުކީއަށް ސިފައިން ގޮސް އެ ތަނުން ތަމްރީން ހޯދައިގެން އައިސް ސިފައިން މިހާރުވެސް ޔޫއޭވީތައް އޮޕަރޭޓްކޮށް އެ ދުއްވަނީ. އަދި ކުރިއަށް އޮތް ތާނގަ އިތުރު ބެޗުތައް ޓްރެއިނިންތައް ހަދަން ގޮސް އަންނާނެ. މިހާުރުވެސް އެބަ އުޅޭ ޓްރެއިނިންނަށް ގޮސް" ރައީސް ވިދާޅުވި އެވެ.

އެހެންކަމުން ޑްރޯންގެ ހުުރިހާ ކަމެއްގައި ވެސް އުޅޭނީ ދިވެހި ސިފައިންކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގައި އަސްކަރީ ޑްރޯންތައް ބޭނުންކުރަން ފެށީ މި މަހުގެ 15 ވަނަ ދުވަހު އެވެ. ރާއްޖޭގައި ޑްރޯން މަރުކަޒު ގާއިމްކޮށްފައިވަނީ ނ. މާފަރު އިންޓަނޭޝަނަލް އެއަރޕޯޓުގައެވެ.

ރާއްޖެއަށް ޑްރޯންތައް ގެނެސްފައިވަނީ ތުރުކީންނެވެ. ރާއްޖެއަށް ގެނެސްފައިވަނީ "ބައިރަކްތާރު ޓީބީ2″ ގެ ދެ ޑްރޯންކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް މި ޑްރޯންތައް ރާއްޖެއަށް ގެނައުމަށް ކުރެވުނު މުއާމަލާތްތަކާ ބެހޭ އެއްވެސް މައުލޫމާތެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ބައިރަކްތާރު ޓީބީ2" ޑްރޯނަކީ 18،000 އަދި 25،000 ފޫޓު މަތިން އުދުއްސޭނެ އުޅަނދުތަކެކެވެ. 70 އާއި 120 ކިލޯމީޓަރާ ދެމެދުގެ ބާރުމިނުގައި އުދުހެވޭ މި އުޅަނދުތަކަކީ ނައިޓް ވިޝަން ކޭޕަބިލިޓީ އާއެކު ރޭގަނޑުވެސް ވަގުތުން ފޮޓޯއާއި ވީޑިއޯ ފޮނުވޭނެ އުޅަނދެކެވެ.

ހަމައެއާއެކު 300 ކިލޯމީޓަރު ދުރުން މައިމަރުކަޒަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ގާބިލްކަން ލިބިފައިވާ މި ޑްރޯންތަކަށް ހުއްޓުމެއް ނެތި 27-50 ގަޑިއިރު އުދުހުމުގެ ގާބިލްކަން ވެސް ލިބިފައިވެއެވެ. އަދި ބޭނުންނަމަ ހަތިޔާރު ހަރުކުރެވޭ މި ޑްރޯންގެ ބޮޑުމިނަކީ 21 ފޫޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން