ކޯވިޑް-19ގެ ހާލަތު އިތުރަށް ގޯސްވެ މާލެ ސަރަހައްދުގެ ސުކޫލުތައް ހުޅުވަން ކުރިން ހަމަޖެއްސި ތާރީހު ފަސްކޮށް އޮންލައިންކޮށް ކިޔަވައިދިނުމަށް ނިންމައިފި ފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ކޯވިޑް-19ގެ ހާލަތަށް ރިޢާޔަތްކޮށް، ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ލަފާގެ މަތިން، ކުރިއަށް އޮތް ދެހަފްތާއަށް ( 9 އޮގަސްޓު 2020އިން 19 އޮގަސްޓް 2020އަށް ) މާލޭ ސިޓީގެ ސްކޫލްތަކަށް ދަރިވަރުން ހާޒިރުވާން ނުޖެހޭގޮތަށް ކިޔެވުން ކުރިއަށް ގެންދިއުމުގެ އިންތިޒާމް ހަމަޖެއްސުމަށް މިނިސްޓްރީން ނިންމާފައިވާކަމަށެވެ.

މާލޭ ސިޓީގެ ސްކޫލްތަކުގައި ކިޔަވައިދީފައި ވަނީ ކީ ސްޓޭޖް 4 އަދި 5 (ގްރޭޑް 9 ން 12) އަށެވެ. މީގެ އިތުރުން ކީ ސްޓޭޖް 3 (ގްރޭޑް 7 އަދި 8) ގެ ކިޔެވުން މާލޭ ސިޓީގެ ސްކޫލްތަކުގައި އޮގަސްޓު 16 ގައި ފެށުމަށް ވަނީ އިޢުލާން ކޮށްފައެވެ. ޢީދު ބަންދާއި، މިޑް ޓާމު ބަންދަށް ސްކޫލްތައް ބަންދުވުމަށްފަހު އަލުން ހުޅުވުމަށް ހަމަޖައްސާފައިވާ ތާރީޚަކީ މި ހިނގާ އޮގަސްޓްމަހުގެ 9ވަނަ ދުވަހެވެ.

ކޯވިޑް 19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކިޔެވުން މެދުކަނޑާލުމަށް ފަހު 2020 ޖުލައި 1 ގައި ވަނީ މާލޭ ސިޓީގެ ސްކޫލްތައް ފިޔަވައި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ގްރޭޑް 1 އިން 12 އަށް ކިޔަވައިދޭން ފަށާފައެވެ.

"ދަރިވަރުން ސްކޫލަށް ހާޒިރުވާން ނުޖެހުނު ނަމަވެސް، އޮންލައިންކޮށް ފިލާވަޅުތައް ކުރިއަށްދާނެ. ދެ ހަފްތާއަށްފަހު ބަލިމަޑުކަން ފެތުރޭގޮތަށް ބަލައި، މި ނިންމުން މުރާޖަޢާ ކުރެވޭނެ. ސްކޫލަކީ ދަރިވަރުންގެ ނަފްސާނީ އަދި އިޖުތިމާއީ ކުރިއެރުމުގައި މުހިއްމު ދައުރެއް އަދާކުރާ ތަނަކަށްވާއިރު، ސްކޫލަށް ހާޒިރުވެ އުނގެނޭ އުނގެނުމުގެ ފައިދާއަކީ އެހެން އެއްވެސް ގޮތަކުން ލިބިގަނެވޭނެ އެއްޗެއް ނޫން. އެހެން ނަމަވެސް، މިނިސްޓްރީއިން އަބަދުވެސް އެންމެ އިސްކަމެއްދޭނީ ދަރިވަރުންގެ ޞިއްޙަތަށް ކަމުގައިވާތީ، ކޯވިޑް19ގެ މިހާރުގެ ހާލަތަށް ރިޢާޔަތް ކުރުމަށްފަހު، ދަރިވަރުން އާއިލާއާއެކު ގޭގައި ތިބުމަކީ މިވަގުތަށް އެންމެ ރައްކާތެރިގޮތް ކަމުގައި ދެކެން." އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން