ދިވެހިރާއްޖެ އާއި ޖަޕާން ސަރުކާރާ ދެމެދު 4 އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިއެއްބަސްވުންތަކަކީ ދެގައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅި މުހިންމު ފިޔަވަޅެއްކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މިއެއްބަސްވުންތަކުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން މިއެއްބަސްވުންތަކުގައި ސޮއި ކުރެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޖަޕާނުގެ ސަފީރު ޓަކެއުޗީ މިޑޯރީ އެވެ.

މި ހަތަރު އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ ޖަޕާނުގެ އިޤްތިޞާދީ އެއްބާރުލުން ދިނުމުގެ ޤާނޫނުގެ މައްޗަށް ބިނާކޮށް ކަސްޓަމްސް ޕެޓްރޯލް ކްރާފްޓް ފޯރުކޮށްދިނުމާއި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގައި ޤާބިލުކަން އިތުރުކުރުމުގެ މަޝްރޫޢު ހިންގުމަށްޓަކައި 260 މިލިއަން ޖަޕަނީޒް ޔެން ގެ ހިލޭ އެހީ ފޯރުކޮށްދިނުމާއި، އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ކޮމިއުނިޓީ އެމްޕަވަރމަންޓް މެދުވެރިކޮށް، ހައި ފްރީކުއެންޓް ނެޗުރަލް ހެޒަރޑްސް އަށް ރާއްޖޭގެ ނޭޝަނަލް ރެސްޕޮންސް ކެޕޭސިޓީ ހަރުދަނާކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް 600 މިލިއަން ޖަޕަނީޒް ޔެން ގެ އެހީ ފޯރުކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން، އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޕެޓްރޯލް އުޅަނދުފަހަރުގެ އޮޕަރޭޝަންތަކަށް އެހީތެރިވުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް 56 މިލިއަން ޖަޕަނީޒް ޔެންގެ ހިލޭ އެހީ ފޯރުކޮށްދިނުމަށްވެސް ވަނީ ސޮއިކޮށްފައެވެ.



މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޒަމީރު ވަނީ ޖަޕާނުން ރާއްޖެއަށް ދެމުންދާ އެއްބާރުލުމުގެ އަގުވަޒަން ކުރައްވައި، ރާއްޖޭގެ އިޖްތިމާއީ އިގްތިސާދީ ތަރައްގީ ކުރިއެރުވުމުގައި ޖަޕާން ސަރުކާރުން ވަމުންދާ އެއްބާރުލުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ތަރައްޤީގެ މުހިންމު އެއް ބައިވެރިއެއްގެ ގޮތުގައި ޖަޕާނުން އަދާކުރާ މުހިންމު ދައުރަށް އަލިއަޅުވާލައްވައި، ރާއްޖެ އާއި ޖަޕާނާ ދެމެދު އޮތް ޑިޕްލޮމެޓިކް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ރާއްޖެއިން ވެފައިވާ ވަޢުދު ތަކުރާރުކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން