މާލޭގެ މަގުމައްޗަށް ކުނި އެޅި ބިދޭސީންތަކެއް މާލޭ ސިޓީ ކައުންސިލުން އަތުލައިގެންފި އެވެ.

މާލޭ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ބިދޭސީންތައް ރޭ ކުނިތައް ބެހެއްޓީ ހީނާމާގެ ޕާކިންގައި ކަމަށެވެ.

ކުނި އެޅި ބިދޭސީން ޖޫރިމަނާކޮށްފައިވާ ކަމަށާއި އަދި ކުނި އެޅި މީހުން ވަނީ އެކުނި އަނބުރާ ޕިކަޕަށް އަރުވައިގެން ގެންގޮސްފައި ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެއެވެ.

ބިދޭސީން ރާއްޖެ ގެނެސް ގެންގުޅޭ ފަރާތްތަކުން އެ ފަރާތެއްގެ ސްޕޮންސަރގައި ރާއްޖޭގައި އުޅޭ މީހުންނަކީ ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދަށް ހުރުމަތްތެރިކޮށް ހިތާ ބަޔެއްކަން ޔަޤީންކުރަން ޖެހޭ ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

މި ރޯދަމަހު މާލޭގެ މަގުތަކަށް ކުނި އެޅުން ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. މާލޭ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި މި ރޯދަ މަހު މާލޭގެ މަގުތަކުން ނެގި ކުނީގެ އަދަދު މިހާރު 600 ޓަނަށް ވުރެ އިތުރުވާނެ އެވެ.

އެގޮތުން އިއްޔެ ވެސް ވަނީ 32.9 ޓަނުގެ ކުނި މާލޭގެ މަގުމަތިން ނަގައިފަ އެވެ.

މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލު ވިދާޅުވީ ކުނި އެޅުން ހުއްޓުވަން ސިޓީ ކައުންސިލުގެ ވެށިފާރަވެރިން ވެސް މަގުތަކަަށް ނެރެމުންދާ ކަމަށެވެ. ހަމަ އެހެންމެ ކުނި އަޅާ މީހުން ހޯދަން ސީސީޓީވީ ފޫޓޭޖް ބަލައި ފުލުހުން މެދުވެރިކޮށް އެ މީހުން ހޯދަމުން ދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ ގޭތެރޭގައި ގެންގުޅޭ ސޯފާއާއި، ފާހަނާތައްޓާއި ބޮޑެތި ހިފާ ގެންގުޅޭ ތަކެތީގެ އިތުރުން ކޮންސްޓްރަކްޝަން ކުނިތައްވެސް ވަރަށް ގިނައިން މަގުމަތިން ނަގަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން