ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް -- ފޮޓޯ/ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް -- ފޮޓޯ/ މަޖިލިސް
ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން މިވަގުތަށް ރައްޔިތުންގެ މަޖިލީހަށް ކުރެވޭނެ ކަމެއް ނެތް ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވީ، ކައުންސިލްގެ އިދާރީ މުވައްޒަފުންގެ މުސާރަ މިހާރުން މިހާރަށްވެސް ބޮޑު ކުރެވޭނީ ރައްޔިތުންގެ މަޖިލިސް ތެރެއިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުޅުވުމާ ގުޅިގެންނެވެ.

ރައީސް މިހެން ވިދާޅުވީ، ސަރުކާރުން ކުރިއަށް ގެންދާ 'ރައީސްގެ ޖަވާބު' ސިލްސިލާގައި މި މަހުގެ 11 ވަނަ ދުވަހު އާއްމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ގާނޫނުގެ ތެރެއިން، ކައުންސިލްތައް ކެޓަރައިޒް ކޮށްފަ ހުންނަނީ ވަރަށް ދަށް ފަންތިއެއްގައި ކަމަށެވެ. އަދި ކައުންސިލްގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް އޮތް މައިގަނޑު ހުރަހަކީ އެއީ ކަމަށް ރައީސް ވިދާޅުވި އެވެ.

"ސަރުކާރުން، ފިނޭންސް މިނިސްޓްރީން މުސާރަ ބޮޑު ކުރަން ބޭނުންވިޔަސް އެކަމެއް ނުއެއް ކުރެވޭ، ކެޓަގަރައިޒް ކޮށްފަ އޮންނަ ގޮތުން. ޖުމްލަކޮށް ހުރިހާ މުއައްޒަފުންގެ މުސާރަ ބޮޑު ކުރުމަކީ އަޅުގަނޑު ބޭނުންވާ ގޮތް. އެހެން ނަމަވެސް އަޅުގަނޑުމެންނަށް އާމްދަނީ އިތުރުވެގެންދާ ގޮތަކުން، އިގްތިސޯދު ހަރުދަނާކޮށް ވަރުގަދަ ކުރެވޭ ވަރަކުން މުސާރަތައް ބޮޑު ކުރެވޭނީ." ރައީސް ވިދާޅުވިއެވެ.

ކައުންސިލްގެ އިދާރީ މުވައްޒަފުންގެ މުސާރައިގެ މައްސަލައަކީ ވަރަށް ބޮޑުވެފައި އޮތް މައްސަލައެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އެކަމަށް މިހާރުން މިހާރަށްވެސް ހައްލެއް ގެނެވޭނީ މަޖިލިސް ތެރެއިން ކަންތައްތަކެއް ކުރެވިގެން ކަމަށެވެ.

މުސާރަ ބޮޑު ކުރަން ބޭނުންވިޔަސް، މަޖިލިސް ތެރެއިން މަސައްކަތްތަކެއް ކުރެވިގެން ނޫނީ އެ މުސާރައަށް ހެޔޮ ބަދަލެއް ނުގެނެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ސަލީމް މިއަދު ވިދާޅުވީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން، ކައުންސިލްގެ އިދާރީ މުވައްޒަފުންގެ މައްޗަށް ހިނގާނީ، ދިވެހި ސިވިލްސާވިސްގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ސިވިލް ސާވިސް ކޮމިޝަނުން ހަދާ ގަވާއިދުތައް ކަމަށެވެ.

"ކައުންސިލްގެ އިދާރީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާ ގުޅޭގޮތުން އެ ގާނޫނުގައި ބަޔާންކޮށްފައި ވަނީ، ކައުންސިލްގެ މުވައްޒަފުންނަށް މުސާރައާ އެލަވަންސްއާ ޕެންޝަނާ އެހެނިހެން އިނާޔަތްތައް ލިބޭނީ ސިވިލް ސާވިސްގެ ގާނޫނުގެ ދަށުން ކަމަށް." ސަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން ސަލީމް ވިދާޅުވީ، ސިވިލް ސާވިސް ގާނޫނުގެ ދަށުން، ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައާއި މާލީ އިނާޔަތްތައް ކަނޑައަޅާނީ ފިނޭންންސް މިނިސްޓްރީގެ ލަފާގެ މަތިން ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ.

އެހެންކަމުން، ކައުންސިލްގެ އިދާރީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅަން ރައްޔިތުންގެ މަޖިލީހުން މިވަގުތުން މިވަގުތަށް ކުރަންޖެހޭ އެއްވެސް އިތުރު ކަމެއް ނެތް ކަމަށް ސަލީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


4

ފާތުން

01-Apr-2024

ބުރަމަސައްކަތް ކުރާ ފަރާތްތައް އެއީ އެބޭފުޅުންގެ މުސާރަވީމަ އެއްވެސް ކަމެއް ކުރެވެން ނެތީ.މާދަން ވެސް މެމްބަރުންގެ މުސާރަ ބޮޑުކުރަން ވެއްޖިއްޔާ ހޭވައްލާ ތައްޔާރު.



ޓްރެންޑިން