މާލޭ ޕޯޓު ދުބާއީ ވޯލްޑަށް ދޭން މި ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ބުނެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން-ފާޑުވިދާޅުވެއްޖެއެވެ.

ޔާމީން ވިދާޅުވީ، އެ ޕޯޓު ދުބާއީ ވޯލްޑަށް ދިނުމަށް ރައީސް ޔާމީންގެ ސަރުކާރުގައި އޭރުވެސް އެކި ހުށަހެޅުންތައް ލިބުނު ކަމަށެވެ. ނަމަވެސް، އެ ޕޯޓަކީ ދިވެހީން ތަރައްގީކޮށްގެން ހިންގައިފިނަމަ އެތައްގުނައެއް ފައިދާ ހޯދިދާނެ ތަނެއްކަމަށްވާތީ އޭރުވެސް އެކަން ނުކުރެއްވީކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމެއްކަމަށް ވެފައި އިރުން ހުޅަނގަށް އަދި ހުޅަނގުން އިރަށް އުފުލާ މުދާތައް ދަތުރުކުރާނީ ރާއްޖޭގެ ކަނޑު ހުރަސްކޮށްފައިކަމަށާއި އެހެންކަމުން ބޭރުގެ ބޯޓުފަހަރުތައް ހުރަސްކުރާ މައި ދެ ޗެނަލް ތަރައްގީކޮށްފިނަމަ އެކަން ވެގެންދާނީ ދިވެހީންނަށް ރަންވަޅަކަށް ކަމަށްށެވެ.

ހަމަ އެގޮތަށް އޭރުގެ ސަރުކާރުގައި ހެދި ދިރާސާތައް ދައްކާގޮތުން ދިވެހީން އަމިއްލައަށް އެތަން ތަރައްގީކުރަން 80 ވަރަކަށް މިލިއަން ޑޮލަރުން އެކަން ވާނެކަމަށާއި އެހެންކަމުން، އެއީ ދިވެހީންނަށް ކުރެވިދާނެކަމެއް ކަމަށާއި އޭގެ އެތައްގުނަ ފައިދާއެއް ދިވެހީންނަށް އެކަމުން ނެގޭނެކަމަށް ވިދާޅުވިއެވެ.

"އެ ޕޯޓު އެއޮތީ ނުދީފައި. ސަބަބަކީ އަޅުގަނޑުމެން ހިސާބު ހެދިއިރު މާލޭގައި ކޮންޓިނެންޓަލް ޓާމިނަލެއް ހެދުމަށް އޭރު ބޭނުންވާ ވަސީލަތުން 80 ވަރަކަށް މިލިއަން ޑޮލަރުން އެކަން ކުރެވޭ. އެއީ ފަށައިގަތުން.،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، އެކުވެރި އަރަބި އިމާރާތަކީ ރާއްޖެއާއި ގާތް ބައެއްނަމަވެސް، އޭރު ވެސް ޕޯޓު ނުދިނީ ދިވެހީން އެތަން ތަރައްގީކޮށްގެން ފައިދާ ނެގުމަށްކަމަށެވެ.

ޔާމީން ވިދާޅުވީ، ޕޯޓު އެތައް އަހަރަކަށް ބޭރުގެ ކުންފުންޏަކަށް ދިނުން ވެގެންދާނީ އިގުތިސާދީގޮތުން ހިންގާ ބޮޑު ޖަރީމާއަކަށް ކަމަށެވެ.

"އެމީހުންނަށް ކުއްޔަކަށް ދޭނީ، ފަންސާސް އަހަރަށް 100 އަހަރަށް ދޭނީ އެއަކުން މާބޮޑު އެއްޗެއް އަޅުގަނޑުމެނަކަށް ނުލިބޭނެ. އެކަމު މިދެންނެވި ހުރިހާ ބޯޓެއް ރާއްޖެ ހުރަސްކޮށް ދާކަމަށްވަންޏާ މިއީ ގޯލްޑްމައިނެއް. ރަންވަޅެއް." ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ޕޯޓު ދިވެހީން އަތުގައި އޮންނަންޖެހޭ ދެ ސަބަބެއް އެބައޮތްކަމަށާއި އެއްސަބަބަކީ ދީފިނަމަ ދިވެހީންނަށް މާބޮޑު ފައިދާއެއް އެއިން ނުލިބުން ކަމަށާއި ދެވަނަ ސަބަބަކީ ރާއްޖޭގައި ދުބާއީ ވޯލްޑުން ހަދާ ޕޯޓެއް ދުވަހަކު ވެސް އިންޓަނޭޝަނަލް ޕޯޓަކަަށް ނުވާނެ ތީކަމަށެވެ. އެއީ، ކޮޗިންގައި ދުބާއީ ވޯލްޑުން މިއަށްވުރެ ބޮޑު ޕޯޓެއް ގާއިމްކޮށްފައިވާތީ ކަމަށާއި، ރާއްޖޭގެ ޕޯޓު ވާނީ އެ ތަނުގެ ސެޓެލައިޓަކަަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން ދުވަހަކު ވެސް ދުބާއިގައި ހަދާފައިވާ ފަދަ ފްރީ ޒޯނެއް ރާއްޖޭގައި ނުހަދާނެކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން