މާލޭ ރައްޔިތުންނަށް ގޯއްޗާއި ފުލެޓް ދިނުމުގެ މަސައްކަތް ލަސްކުރަން ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ޓިކެޓު ލިބިވަޑައި ނުގެންނެވުމުން ރައީސް ޑރ. މުޢިއްޒުގެ ތާއީދާއެކު އަމިއްލަގޮތުން މައްޗަންގޮޅީ މެދު ދާއިރާއަށް ވާދަކުރަށްވާ އަޙްމަދު ޒަމީރު ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވައުދާއި އެއްގޮތަށް ހުޅުމާލެއިންނާއި ގިރާވަރު ފަޅުންނާއި ގުޅީފަޅުން މާލޭގެ ރައްޔިތުންނަށް ގޯއްޗާއި ފުލެޓް ދޫކުރާނެ ކަމަށެވެ. މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމުގެ މަސައްކަތް ލަސް ކުރަން ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުން ލަސްވަނީ ކުރީގެ ސަރުކާރުން ގޯތިތަށް ދޫކޮށްފައިވާ ގޮތުން ކަމަށެވެ.

އެގޮތުން ކުރީގެ ސަރުކާރުން ގޯތި ދޫކޮށްފައިވާ މަގަކަށް، ސުކޫލަކަށް އަދި ހޮސްޕިޓަލަކަށް ވެސް ބެލުމެއް ނެތި ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއީ މިހާރު އޮތް މަޖިލީހުން މެޖޯރިޓީ އޮވެގެން ނެތިގެން ވާކަމެއް ނޫން، ލަސްވުމެއް މި ލަސްވީ މިދިޔަ ސަރުކާރުން އެއްވެސް ޒިންމާދާރު ކަމެއް ނެތި ހަމަ ކެމްޕޭނަށްޓަކައި އިންތިހާބު އައިސް ބޯމަތިވީމާ ދެން ހަދާނެ ގޮތެއް ނެތިގެން ތާއިދު ހޯދޭތޯ ވޯޓުގެ ދަހިވެތިކަމުގައި ކުރިކަމެއްގެ ސަބަބުން ލަސްވެގެން އުޅޭ ލަސްވުމެއް މިއައީ، އެހެންވީމަ ގޯތިތައް ތަރުތީބު ކޮށްލާފައި ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނަން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ އަމިއްލަ ގޯތި އޮވެ ގެދޮރު އިމާރާތްކުރާނެ ތަނަވަސްކަން ނެތުމުގެ ސަބަބުން އެ މަސައްކަތް ނުކުރެވިތިބި އެތައް ބަޔަކު އެބަތިބި ކަމަށާއި އެފަދަ ފަރާތްތަކަށް ސަރުކާރުން އިންޓްރެސްޓް ރޭޓް ފަސް ޕަސެންޓަށް ވުރެ ބޮޑު ނޫން އަދަދެއްގައި ދޫކުރުމަށް ހަމަޖެހިފައިވާ ލޯނު ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ވަރަށް އަވަހަށް އެ ލޯނު ދޫކުރަން އިއުލާން ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ހަދަން ފަށައި ވަކި ހިސާބަކަށް ގޮސް ނުނިމި ހުރި ގެތަކަށާއި، ގިނަ ދުވަސް ވެގެން މަރާމާތުކުރަން ޖެހިފައި ހުރި ގެތަކަށް ވެސް ލޯނު ސްކީމެއް ތައާރަފް ކުރައްވާނެ ކަމަށާއި މި ލޯނުތައް މިއަހަރު ތެރޭގައި ދޫކުރަން ފަށާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މާލޭ ސިޓީގެ ހުރިހާ މަގުތަކެއް ހެދުމަށް ޗައިނާ ސަރުކާރުގެ ހިލޭ އެހީ މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

"މާލޭގެ މަގުތަކުގެ މައްސަލަ ދެވަނަ މައްސަލައެއްގެ ގޮތުގައި ހައްލު ކުރަން ފަށަން ނިންމާފައި މިއޮތީ، ދެން ހަމަ ވަރަށް އުފަލާއެކު ދަންނަވާލަން ބޭނުން ޗައިނާގެ ސަރުކާރުން ހިލޭ އެހީގައި މުޅި މާލޭ ސިޓީގެ ހުރިހާ މަގެއް ހަދާގޮތަށް މިހާރު ހަމަޖެހިފައި އޮތީ،" ރައީސް މުޢިއްޒު ވިދާޅުވިއެެވެ.

ރައީސް އިތުރަށް ވިދާޅުވީ ޗައިނާގެ ކަމާބެހޭ ޓީމެއް މާލޭގައި މިހާރު ހަރަކާތްތެރިވަމުންދާ ކަމަށާއި އެޓީމުން ކުރަންޖެހޭ ފަންނީ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ނިމުމުން މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ދެން އެކަން ހައްލުވެގެންދާއިރު މަގުތަކުގައި ހުރި ހުރިހާ މައްސަލައެއް އޭގެ ތެރޭގައި ހައްލުވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލު ކުރުމަށް ޕާކިން އިމާރާތްތައް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. ރައީސް ވަނީ އެމަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ސަރުކާރަށް އެއްބާރުލުން ދޭނެ މެމްބަރުން ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި، އިންތިހާބު ކޮށްދެއްވުމަށް ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ފަޔާޒު

01-Apr-2024

މިހާރުވަކިބަޔަކަށް ޑރ މުއީޒު ރުފިޔާނުޖަހާ ހަޒާނާ ހުސްނުކޮށްގައުމުން ބައެއްނުވިއްކާރައިޔަތުންނަށް ކަންތަށް ކޮއްދެމުންދާތީ ހަޖަމުނުވެން ދޮގުބުހުތާންފަތުރަމުން ދަނީ



ޓްރެންޑިން