ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށްޓަކައި ތުރުކީން ގެނައި ޔޫއޭވީތައް (ޑްރޯން) ގަތް އަގު ހާމަކޮށްގެން ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތެއް ވިސްނިވަޑައި ނުގަންނަވާ ކަމަށް އެމްޑީޕީގެ މަޖިލިސް ކެމްޕެއިންގެ ސްޕޯކްސްޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.

އީސަ މިހެން ވިދާޅުވީ، އެމްޑީޕީގެ ފަރާތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އީސަ ވިދާޅުވީ، ރާއްޖެއަށް ތިން ޑްރޯން ގެނައި އިރު ދިވެހި ދައުލަތުން ހަރަދު ކޮށްގެން ގަނެފައި ވަނީ ދެ ޑްރޯން ކަމަށެވެ. އެހެންކަމުން އެއް ޑްރޯންއާއި އާލާތްތަކަކީ ހިލޭ ކުވައިތު ސަރުކާރުން ދީފައިވާ ތަކެތި ކަމަށް އީސަ ވިދާޅުވިއެވެ.

ޑްރޯން ގަތުމަށް ބަޖެޓުން 39 މިލިއަން ޑޮލަރު ނަގާފައިވާކަން އެނގެން އެބަ އޮތް ކަމަށް އީސަ ވިދާޅުވިއެވެ.

މީގެ އިތުރުން އީސަ ވިދާޅުވީ، ދިވެހި ރާއްޖެއިން ޑްރޯން ގަތުމުގެ ކުރިން ތުރުކީގެ ދެ ކުންފުނިން ކުވެއިތު ސަރުކާރާއެކު ޑްރޯން ގަތުމުގެ މުއާމަލާތެއް ހިންގާފައިވާ ކަމަށެވެ. 367 މިލިއަން ޑޮލަރުގެ އެ މުއާމަލާތުގެ ވާހަކަ ކުވައިތު ސަރުކާރުން އިންޓަނޭޝަނަލް މީޑިޔާގައި ހިއްސާ ކޮށްފައިވާކަމަށް އީސަ ވިދާޅުވިއެވެ.

"އެއް ގައުމަކުން އެއް ބްރޭންޑެއްގެ، އެއް ކުންފުންޏަކުން، އެއް ބޭނުމެއް ކުރާ ޑްރޯން، ކުވޭތަށް ދެ ބިލިއަން ޑޮލަރަށް ގަތީ، ދިވެހިރާއްޖެއަށް ދެ ޑްރޯން ގަތީ 39 މިލިއަން ޑޮލަރަށް. މީގަ އަޅުގަނޑުމެން މިބުނަނީ ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން އެބަ އޮތޭ." އީސަ ވިދާޅުވިއެވެ.

އީސަ ވިދާޅުވީ، ޑްރޯން ގަތުމުގައި ކޮރަޕްޝަން ނެތް ނަމަ އެ ގަތް އަގު ހާމަކުރާނެ ކަމަށެވެ. އަދި ޑްރޯން ގަތް އަގު ހާމަކޮށްގެން ގައުމީ ސަލާމަތަށް ނުރައްކާ ނުވާނެކަމަށާއި، ނުރައްކާ ވާނެ ނަމަ ކުވައިތުން ޑްރޯން ގަތް އަގު ހާމަ ކުރުމުން އެ ގައުމުގެ ސަލާމަތަށް ނުރައްކާވީސް ކަމަށް އީސަ ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށްޓަކައި ގެނައި ޑްރޯންތަކުގެ އަގު ހާމަ ނުކުރަނީ ގައުމީ ސަލާމަތަށްޓަކައި ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނުވެސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ވިދާޅުވެފައިވެއެވެ.

ޑްރޯންތަކުގެ ތަފްސީލު ހާމަ ނުކުރަނީ އަސްކަރިއްޔާގެ އިސްވެރިން އެގޮތަށް ލަފާދީފައި ވާތީ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.

ނަމަވެސް ދިފާއީ ވަޒީރު އިއްޔެ މަޖިލީހުގައި ވިދާޅުވީ 241 ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގައި އެކަން ހާމަ ކުރެއްވިދާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން