ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށްޓަކައި ތުރުކީން ގެނައި ޔޫއޭވީ (ޑްރޯން)ގެ މުއާމަލާތާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅޭ އިތުރު ތަފްސީލު ހޯދުމަށް ޑިފެންސް މިނިސްޓްރު މުޙައްމަދު ޣައްސާން މައުމޫން، ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ހާޒިރު ކުރަން އެ ކޮމިޓީން ނިންމައިފިއެވެ.

މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީން މިއަދު ފާސްކޮށްފައި ވަނީ، އެ ބައްދަލުވުމަށް ހާޒިރުވެތިބި މެމްބަރުންގެ އިއްތިފާގުންނެވެ. ޣައްސާން ކޮމިޓީއަށް ހާޒިރު ކުރަން ހުށަހެޅީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހުސައިން ލަތީފެވެ. އަދި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ ވަނީ އެ ހުށަހެޅުމަށް ތާއީދު ކުރައްވާފައެވެ.

ކޮމިޓީން އެގޮތަށް ފާސްކުރުމާއެކު، ޑްރޯންގަތް ތަފްސީލާއި ނަޝީދަށް ދިން ހަމަލާގެ އާ މައުލޫމާތާއެކު މަދުވެގެން ފަސް ދުވަސް ތެރޭގައި ޣައްސާން މަޖިލީހަށް ހާޒިރުވާން ޖެހޭނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގެ ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޣައްސާން ވިދާޅުވެފައި ވަނީ ރައީސް ނަޝީދަށް ދިން ހަމަލާގެ އިތުރު މައުލޫމާތު އެބަހުރި ކަމަށެވެ.

އެގޮތުން ޣައްސާން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅޭ އިތުރު މައުލޫމާތު ދިފާއީ ވުޒާރާއަށާއި ދިވެހި އަސްކަރިއްޔާއަށް މިހާރު ލިބިފައިވާ ކަމަށެވެ. އަދި މަޖިލީހުން އެދިވަޑައިގެންފިނަމަ އެ މަޢުލޫމާތު ޙިއްސާކުރަށްވާނެ ކަމަށް ޣައްސާން ވިދާޅުވިއެވެ.

އަދި ޑްރޯންތަކާ ބެހޭގޮތުން ޣައްސާން އިއްޔެ ވިދާޅުވީ، ޑްރޯން ގަތުމަށް ހިންގި މުޢާމަލާތުގެ ހުރިހާ ލިޔެކިޔުންތައް އެވުޒާރާގައި ހުންނާނެ ކަމަށެވެ. އަދި ބަލަން ބޭނުންވާ ތަހުގީގީ އިދާރާތަކުން ބަލަން ބޭނުން ވެއްޖެ ނަމަ އެކަން ކުރެވިދާނެ ކަމަށްވެސް ޣައްސާން ވިދާޅުވިއެވެ.

"މިކަހަލަ ފޯރަމެއްގައި އެއްވެސް ގައުމެއްގައި ދިފާއީގޮތުން ކުރާ ހަރަދުތަކުގެ ތަފުސީލު ހާމަކުރުން އެއީ ކުރާ ކަމެއް ނޫން، އެހެންކަމުން އެ މައުލޫމާތު މިތަނުގައި އާއްމުކުރަން އަޅުގަނޑު އުޒުރުވެރިވަން. 241 ކޮމިޓީގެ ސިއްރު ޖަލްސާއެއްގައި މި މައުލޫމާތު އަޅުގަނޑުމެނަށް ހާމަކުރެވިދާނެ،" ޣައްސާން އިއްޔެ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން