ރާއްޖޭގެ ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލްތަކެއް އެޅުމަށް ކުވެއިތު ފަންޑުން ހަމަޖައްސައިދިން ފަންޑުގެ ކަންކަން ކުރިއަށް ގެންދިޔައީ ޕްރޮކިއުމެންޓު އުސޫލާ އެއްގޮތަށް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވީ ރާއްޖޭގެ ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލްތަކެއް އެޅުމަށް ކުވެއިތު ފަންޑުން ހަމަޖައްސައިދިން ފައިސާ ރާއްޖެއަށް ނުދީ ހުއްޓައިލާފައިވާ ކަމަށާއި އެ ފައިސާ ނުދީ ހުއްޓާލީ ކުވެއިތު ފަންޑުގެ ޕްރޮކިއުމެންޓު އުސޫލާ ހިލާފަށް ވަކި ގޮތަކަށް، އެ ޕްރޮޖެކްޓުތައް އެވޯޑު ކުރުމުގެ މަރުހަލާ ކުރިއަށް ގެންގޮސްފައިވާތީ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބުދުﷲ ޚަލީލް މަޖިލީހުގައި ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެެ.

އެކަން ދޮގު ކުރަށްވައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ކުވެއިތު ފަންޑުގެ އެހީގެ ޕްރޮކިއުމެންޓް މަރުހަލާގައި ކުވެއިތު ފަންޑުގެ ޓީމްތައް ބައިވެރިވި ކަމަށާއި ޕްރޮކިއުމެންޓްގެ ހުރިހާ ކަމެއް އޭރުގެ ސަރުކާރުން ގެންދިޔައީ ފަންޑުގެ ޕްރޮކިއުމެންޓް އުސޫލުތަކާއި އެއްގޮތަށް ކަމަށެވެ. އެގޮތުން ޓެންޑަރ އެވޯޑްކޮށްފައިވާނީ ކުވެއިތު ފަންޑުގެ ނޯ-އޮބްޖެކްޝަން ސިޓީ ލިބުމުން ކަމަށް އަމީރު ވިދާޅުވިއެވެ.

"‏ނޯ އޮބްޖެކްޝަން ސިޓި އަކީ ޓެކްނިކަލް އަދި ފައިނޭންޝިއަލް އިވެލުއޭޝަންގައި އިތުރު މައްސަލައެއް ނެތުމުން އެޖެންސީތަކުން ދޭ އެއްޗެއް،" އަންނަ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ތުލުސްދޫ ދާއިރާއަށް ވާދަކުރަށްވާ އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން އަމީރު ވަނީ ކުވެއިތު ފަންޑުގެ މައްސަލައިގައި ހެލްތު މިނިސްޓަރު ޑރ. ޚަލީލް މަޖިލީހުގައި އިތުރުފުޅު ހައްދަވާފައިވާ ކަމަށް ވިދާޅުވެ އެމައްސަލަ ބެލުމަށް ގޮވާލައްވާފައެވެ.

ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓަރު ޑރ. އަބުދު ﷲ ޚަލީލް ވިދާޅުވެފައިވަނީ އިންޓަނޭޝަނަލް ފަންޑިން އޭޖެންސީތަކަކީ ވަކި އުސޫލެއްގެ ތެރެއިން ޕްރޮކިއުމެންޓު ހަދާ ކުންފުނިތައް ކަމަށްވާއިރު ކުވެއިތު ފަންޑުން ހަމަޖެއްސި ފައިސާ އަނބުރާ ގެންދިޔައީ އެ ފަންޑުގެ ޕްރޮކިއުމެންޓް އުސޫލާ ހިލާފަށް ޕްރޮޖެކްޓުތައް އެވޯޑު ކުރުމުގެ މަރުހަލާ ކުރިއަށް ގެންގޮސްފައިވާތީ ކަމަށެެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބޭ ގޮތުން، ވަކި ގޮތަކަށް ރާއްޖެއިން އޭރުގައި އެވޯޑުކުރުމުގެ މަރުހަލާ ކުރިއަށްގެންދަން ބޭނުންވީމަޔާ އެއްކޮށް ވަނީ ކުވައިތު ފަންޑުން އެކަން ހުއްޓާލައިފަ، އެހެންވީމާ، ކުވައިތު ފަންޑުގެ ޕްރޮކިއުމެންޓް އުސޫލާ ހިލާފަށް ކުރިއަށްދިޔަ ކަމެއް ކަމަށް ވާތީ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ،" މަޖިލީހުގައި މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހަލީލް ވިދާޅުވި އެވެ.

ރާއްޖޭގެ ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލްތަކެއް އެޅުމަށް ކުވެއިތު ފަންޑުން ހިލޭ އެހީ ހަމަޖަައްސައިދިން ނަމަވެސް އެމަސައްކަތް ފެށުން ކުރީގެ ރައީސް ސޯލިހް ސަރުކާރުން ލަސްކުރުމުން އެގައުމުން ފަންޑު އަނބުރާ ގެންގޮސްފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ހޮސްޕިޓަލް ތަކެއް އެޅުމަށް ކުވެއިތު ފަންޑުން ހަމަޖައްސައިދިން ހިލޭ އެހީ ގެންގޮސްފައި ނުވާ ކަމަށް ވިދާޅުވެ ރައީސްގެ އެ ވާހަކަފުޅު ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުވަނީ އޭރު ދޮގުކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން