ރައްޔިތުންގެ ލާބައަށް ހުރި ސަރުކާރުގެ ސިޔާސަތުތަކާއި މަޝްރޫއުތަކަށް ފާޅުގައި ގޮންޖަހާ ބަޔަކު މަޖިލީހަށް ހޮވައިގެން ވާނެ ހެވެއް ނެތް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެެވެ.

ހޮޅުދޫ ދާއިރާގެ ޕީއެންސީ ކެންޑިޑޭޓު އަބްދުއްސައްތާރު މުހައްމަދު (ސަޓޯ)ގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު ބަޔަކު ހޮވުމުން ރައްޔިތުންނަށް ވާނެ މޮޅެއް ނެތް ކަމަށެވެ. އެގޮތުން ރައްޔިތުންގެ ލާބައަށް ހުރި ސަރުކާރުގެ ސިޔާސަތުތަކާއި މަޝްރޫއުތަކަށް ފާޅުގައި ގޮންޖަހާ ބަޔަކު މަޖިލީހަށް ހޮވައިފި ނަމަ ވާނެ ހެވެއް ނެތް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިދިކޮޅު އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ގައުމުގެ އިގްތިސާދު އަނދަޅަވަކަށް ވެެއްޓިގެން ހިގައިދާނެ ކަމަށެވެ. އަދި އެމްޑީޕީއަށް މެޖޯރިޓީ ލިބިއްޖެނަމަ ގައުމުގެ މިސްރާބު ދާނީ ގޯހުން ގޯހަށް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެެވެ.

މީގެ އިތުރުން ކުރީގެ ސަރުކާރުން ވައްޓާލާފައި އޮތް އަނދަވަޅުން ނަގައި، ރަނގަޅު މިސްރާބަށް ދިވެހިންގެރާއްޖެ ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ބޭނުންވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ސޮވަރިން ޑިވެލޮޕްމަންޓު ފަންޑުގެ ބިލު މަޖިލީހުން ބޭރުކޮށްލުމާއި ގުޅިގެން އެކަމަށް އިޝާރަތް ކުރަށްވައި ރައީސް މުޢިއްޒު ވިދާޅުވީ އެބިލު މަޖިލީހުން ބޭރުކޮށްލީ އެއްވެސް ސަބަބަކާ ލައިގެން ނޫން ކަމަށެވެ. ސޮވަރިން ޑިވެލޮޕްމަންޓު ފަންޑު ހިމާޔަތްކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެެއް ކަން ފާހަގަކުރަށްވަމުން ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުން އެ ފަންޑުގައި ހުރި ޑޮލަރުކޮޅު ރުފިޔާއަށް ބަދަލުކޮށްފައިވާ ކަަމަށެވެ.

އަދި ރުފިޔާގެ ބަދަލުގައި ޑޮލަރު ޖަމާކުރާ ފަންޑެއްގެ ގޮތުގައި ބަންދުކޮށް އެ ފަންޑަށް ޚާއްސަ ގާނޫނެއް ރައްޔިތުންގެ މަޖިލިސް ތެރެއިން ފާސްކުރަން ޖެހޭ ކަމަށާއި އެއީ ރާއްޖޭގެ އިގްތިޞާދު ހަމަމަގަށް އެޅުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ގައުމުގެ މިސްރާބު ކައްސާލައިގެން ގޮސް އިގްތިސާދު އޮތީ އަނދަވަޅަކަށް ވެއްޓިފައި ކަމަށެެވެ. އަދި އޭރު އިސްލާމްދީން ހަލާކުވެ ގައުމުގެ މިނިވަންކަން އޮތީ އޮޔާ ގޮސްފައި ކަމަށާއި ރައްޔިތުންގެ ގައުމީ ވިސްނުމުގައި ދިވެހިންގެރާއްޖެއަށް ފަށާފައިވާ ދަތުރު ފުރިހަމަ ވެގެންދާނީ އަންނަ އޭޕްރިލް 21 ވަނަ ދުވަހު ސަރުކާރު ކެންޑިޑޭޓުން މަޖިލީހަށް އިންތިހާބުކޮށްގެން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން