ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ އަރިހުގައި އިސްކޮށް އުޅުއްވި އައްބާސް އާދިލް ރިޒާ ރައީސް ޔާމީންގެ ފަޅި ދޫކޮށްލައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ގުޅިވަޑައިގަތަސް މި ސަރުކާރުގައި ހިނގާ ވައްކަމާ ކުރަޕްޝަނަށް ލޯމަރާލައިގެން ހުންނަވަން ވަރަށް އުނދަގޫވާނެ ކަމަށް ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން އަލަށް އުފައްދަވަން މަސައްކަތް ކުރައްމަވުން ގެންދަވާ ޕީއެންއެފް ޕާޓީ އުފެއްދެވުމުގެ މަސައްކަތުގައިވެސް ޙަރަކާތްތެރިވެ ވަޑައިގެންނެވި އައްބާސްއައްބާސްއަކީ މި ސަރުކާރު ފެށުނު ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި ބޭފުޅެކެވެ. ނަމަވެސް އައްބާސް ޕީއެންއެފްގެ ޖަގަހަ ޖަލްސާތަކުން ނުފެންނަތާ ދުވަސްތަކެއް ވަނީ ވެފައެވެ.

އެއާއެކު އިއްޔެ އިވިގެން ދިޔަ ހަބަރަކީ އައްބާސްއަށް މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީން ސިޔާސީ މަޤާމެއް ދިން ހަބަރެވެ. އެހެންކަމުން އޭނާ މިހާރު ގެންދަވަނީ އެ ވަޒީފާގެ އޮރިއެންޓޭޝަން ޕްރޮގްރާމް ފުރިހަމަ ކުރަށްވަމުންނެވެ.

އެކަމާ ގުޅިގެން ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ މަލީހު އެކްސްގައި ވިދާޅުވީ އައްބާސްއަކީ މިސަރުކާރު ގެނައުމަށް ވަރަށް ބޮޑު ޤުރުބާނީއެއް ވެވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ސަރުކާރުތެރޭގައި ހިނގާ ވައްކަމާ ކޮރަޕްޝަނަށް ލޯމަރާލައިގެން ހުންނަވަން އައްބާސަށް ވަރަށް އުނދަގޫވާނެ ކަމަށެވެ.

"ރައީސް ޔާމީންގެ ޕާޓީ، ޕީއެންއެފް ދާނީ ކުރިޔަށް." މަލީހު ވިދާޅުވި އެވެ.

އައްބާސް ވަނީ 22 ޑިސެންބަރު 2022 ގައި "ކްލަބްހައުސް" ގައި ވާހަކަ ދައްކަމުން ކުރީގެ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ މަނީލޯންޑަރިންގެ މައްސަލައެއްގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ގޮތާމެދު ހިތްހަމަނުޖެހިގެން ހަމަނުޖެހުމަށް ހިތްވަރުދީ ވާހަކަ ދައްކާފައެވެ.

އެމައްސަލާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އައްބާސްގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 222 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި އެ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ ދަށުން ފަނާކޮށްފާނެކަމުގެ ބިރުދެއްކުމުގެ ދަޢުވާ ވަނީ އުފުލާފައެވެ.

ނަމަވެސް އެ މައްސަލައިގެ ޝަރީޢަތުގެ މަރުޙަލާ މިހާރު އޮތް ހިސާބު ސާފުވާގޮތް ވަނީ ނުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން