ދ. ކުޑަހުވަދޫ މީހެއްގެ ހިތުގެ ބަލި ހުންނަ ދަރިފުޅަށް ބޭނުންވާ ބޭސް ހޯދަން އެހީ ނުލިބޭ ކަމަށް ބުނާ ވާހަކަތައް އެންސްޕާއިން ދޮގުކޮށްފި އެވެ.

އެ މީހާގެ ދަރިފުޅަށް އެހީ ނުލިބޭ ކަމަށް ބުނެ އެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކުރީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.

ޝާހިދު ވިދާޅުވީ ކުޑަހުވަދޫ މީހާގެ ދަރިފުޅަށް ބޭހުގެ އެހީ ނުލިބޭން ފެށީ މި ސަރުކާރު އައިފަހުން ކަމަށެވެ. އެހެންވެ ދާއިމީ ބަލިތަކަށް ބޭނުންވާ ބޭސް އާސަންދަ މެދުވެރިކޮށް މެދުނުކެނޑި ލިބުމަކީ ކޮންމެ ދިވެއްސެއްގެ ހައްގެއް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ޝާހިދުގެ ތުހުމަތުތަކަށް ރައްދު ދެއްވައި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބިލްތައް ރިފަންޑުކުރަނީ އާސަންދައިން ނޫން ކަމަށެވެ.

ހީީނާ ވިދާޅުވީ ކުޑަހުވަދޫ މީހެއްގެ ދަރިފުޅަށް ބޭސް ގަތުމަށްފަހު ހުށައަޅާފައިިވާ ބިލަށް އެންމެ ފަހުން ފައިސާ ހަމަޖައްސާފައިވަނީ މިސަރުކާރުން މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ކަމަށެވެ. އަދި ރާއްޖެއިން ނުލިބޭ ބޭސް ގަތުމަށްފަހު އެ އޮންނަ އުސޫލުގެ ތެރެއިން ބިލް ހުށައެޅުމުން ކޮންމެ ރައްޔިތަކަށްވެސް އެންސްޕާއިން އެފައިސާ ރިފަންޑްކޮށްދޭނެ ކަމަށެވެ. އަދި އެއީ ވަކި ސަރުކާރެއް އޮވެގެން ނުވަތަ ނެތިގެން ވާކަމެއްނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމަ އެހެންމެ ކުރިއަށް އޮތް ތަނުގައި ވެސް ކުޑަހުވަދޫ މީހާގެ ދަރިފުޅުގެ ބޭސްގަތުމަށް އެންސްޕާއިން ދޭންޖެހޭ އެހީ ލިބޭނެ ކަމަށާއި އަދި މިސަރުކާރުން މިހާތަނަށް އެތައް ފަރާތަކަށް މިގޮތަށް ރިފަންޑްކޮށްދީފައިވާނެ ކަމަށް ހީނާ ވިދާޅުވި އެވެ.

"ގައުމުގެ ބޮޑެތި މަޤާމްތައް އަދާކުރައްވާ “ދުނިޔޭގެރައީސް”ކަން ކުރައްވާފައިވާ ބޭފުޅަކު ރައްޔިތުން ގާތަށްގޮސް އެބޭފުޅުންގެ އިޙްސާސްތަކާކުޅެ، މަޖިލިސް އިންތިޚާބާ ދިމާކޮށް ޑްރާމާކުޅުމުން ތިބޭފުޅުން ވެއްޓިފައިވާ ދަށު ދަރަޖަ ވަރަށް ބޮޑަށް ސާފުވެއްޖެ. މިދިޔަ ސަރުކާރުގައި ބައި އިލެކްޝަންތަކާއި ދިމާކޮށް، އާސަންދަ އެންސްޕާގެ މޭޒު އެ ދާއިރާތަކުގައި ބަހައްޓައިގެން ތިބޭފުޅުން ބޭނުންވާ ބަޔަކަށް އުސޫލާ ޚިލާފަށް ކަންކަންކޮށްދިންކަން ވަރަށް ސާފު. ތިބޭފުޅުންގެ މިސްރާބު ހުރީ ހަމަ މަގަކަށްނޫން. އަނދަވަޅަކަށް." ހީނާ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން