އިބްރާހިމް ފަހީމް   27 މާރިޗު 2024 - 21:20
މާލޭ ސަރަހައްދަށް ފެނުގެ ހިދުމަތް ދެމުންދާ އެމްޑަބްލިއެސްސީއަށް އެކި ފަރާތްތަކުން ދައްކަންޖެހޭ ބިލްތަކުގެ ފައިސާ ނުދައްކައިގެން އަރާފައިވާ ޖޫރިމަނާގެ އަދަދު 17 މިލިއަން ރުފިޔާއަށް އަރާކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުލް މަތީން މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިދިޔަ އަހަރުގެ ނިޔަލަށް 45 މިލިއަނެއްހާ ރުފިޔާގެ ފެންބިލްގެ ފައިސާ ނުދައްކާ އެބަހުރި ކަމަށެވެ. އަދި އެއީ 3000 އެއްހާ ކަސްޓަމަރުން ކުންފުންޏަށް ނުދައްކާ ހުރި ފައިސާކަމަށް މަތީން ވިދާޅުވިއެވެ.

މިހާބޮޑު އަދަދެއްގެ ފައިސާ ނުދައްކާ އޮތްއިރު އެ ފައިސާ ދެއްކުމަށް ފަސޭހަ ކޮށްދިނުމުގެގޮތުން މަސްތަކަށް ބަހާލައިގެން ބިލްގެ ފައިސާ ދެއްކޭގޮތަށް ހެދުމަށާއި ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ މައާފު ކޮށްދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

އެކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ދެއްވަމުން މަތީނު ވިދާޅުވީ، ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ މައާފު ވާނީ ފައިސާ ދައްކަންޖެހިފައިވާ ފެން ބިލްތަކަށް ފައިސާ ދެއްކުމުން ކަމަށެވެ. އަދި އެކަން އެގޮތަށް ކުރަން ނިންމީ އެއީ ކުންފުންޏާއި އަދި އާންމު ރައްޔިތުންނަށް ވެސް އެންމެ ރަނގަޅު ގޮތްކަމަށްވާނެތީ ކަމަށް ވެސް މަތީނު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން