ރައްްޔިތުންގެ މަޖިލީހުގައި ސަރުކާރާއި އިދިކޮޅަަށް ތިބީ ސަރުކާރަށް ނިސްބަތްވާ މެމްބަރުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ހެންވޭރުގެ ދާއިރާތަަކަށް ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިންގައި މިރޭ ރާޅުގަނޑު ސަރަހައްދުގައި މާލޭގައި ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރާއި އިދިކޮޅަށް ތިބީ ސަރުކާރަށް ނިސްބަތްވާ މެމްބަރުން ކަމަށެވެެ.

މަޖިލީހަށް ސަރުކާރަށް ނިސްބަތްވާ މެމްބަރުން ނުހޮވަންވީ ސަބަބަކީ އެއީ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ސަރުކާރަށް ހުށައެޅި ބިލަކަށް ސަރުކާރަށް ނިސްބަތްވާ މެމްބަރުން ތާއިދު ނުކުރާއިރު އިދިކޮޅުގައި އޮތް އެމްޑީޕީން އެބިލަކަށް ތާއިދު ދޭނީ ކިހިނެއްތޯ ސުވާލު އުފައްދަވާފައެވެ. އެގޮތުން ސަރުކާރުގެ ސިޔާސަތުތައް ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ވެސް ގަބޫލު ނުކުރާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާނީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ސަރުކާރާއި އިދިކޮޅަށް ތިބީ ސަރުކާރަށް ނިސްބަތްވާ މެމްބަރުންނޭ، އެހެންވެ ސަރުކާރަށް ނިސްބަތްވާ މެމްބަރުން ނުހޮވަންވީ. އެހެންނަމަ އެ ދުވަހު މަޖިލީހަށް ވަދެ ވޯޓް ދެއްވަންވީ ނޫންތޯ ވޯޓަށް އެހި ގަޑީގައި ސަރުކާރަށް ތާއިދު ކުރާ ސަރުކާރަށް ނިސްބަތްވާ އެއްވެސް މެމްބަރެއް އެތާގައި ނެތްކަމަށްވަނީ. އެހެންވީމަ ސަރުކާރުގެ ސިޔާސަތު ތައް ގަބޫލުނުކުރަނީ ކޮންބަޔެއްކަން ވަރަށް ސާފުކޮށް އެބައެނގޭ ނޫންތޯ. އަޅުގަނޑުމެންނަކީ އޮޕްޒިޝަންގައި ތިބި ބަޔެއް އެމީހުން (ސަރުކާރުގެ މެމްބަރުން) ނުކުރާ އެއްޗަކަށް ސަރުކާރުން ނުކުރާ ތާއިދެއް ކިހިނެއްތޯ އަޅުގަނޑުމެން ދޭނީ،" ސަރުކާރުން މަޖިލީހަށް ހުށައެޅި އެސްޑީއެފް ބިލުގެ ވޯޓްގައި ސަރުކާރަށްނިސްބަތްވާ މެމްބަރުން ބައިވެރިވެވަޑައިނުގަތް ކަމަށް ވިދާޅުވެ އެކަމަށް ފާޑުވިދާޅުވަމުން އެމްޑީޕީގެ އެޑުވައިޒަރު ކަމުގެ މަގާމުގައި ހުންނެވި ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ މި ސަރުކާރުން މި ގައުމު 20 އަހަރު ފަހަތަށް ގެންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ. އަދި ހުދުމުހުތާރު ވެރިކަމެއްގެ ހުރިހާ ސިފައެއް ބަރާބަރަށް ހަމަވަމުންދާކަމަށް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ މި ސަރުކާރުގައި އެންމެ ފުރަތަމަ ކުރައްވަން ފެއްޓެވި ކަމަކީ ނޫސްވެރިންނަށް ހުރަސް އެޅުން ކަމަށެވެ. އަދި ވަޒީފާގެ ބިރު އިންތިހާ އަށް ކުރިމަތިކުރަމުންދާ ކަމަށާއި އެންމެފަހުން މިއަދު ފެނިގެން ދަނީ ސިޔާސީ ލީޑަރުންނާ ދިމާކުރާ މަންޒަރު ކަމަށް ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ހުރިހާ ކަމެއް ދޫކޮށްލައިގެން ތިބެއްޖެ ނަމަ އަނެއްކާވެސް އެ ބިރުވެރިކަމާއި އަނިޔާވެރިކަމަށް ރާއްޖެ ދާނެ ކަމަށާއި ބިރުވެރިކަން އިންތިހާއަށް މިހާރު ކުރިމަތިވަމުންދާ ކަމަށެވެ. ސޯލިހް ވިދާޅުވީ ސިޔާސީ ލީޑަރުންގެ އިތުރުން ފަނޑިޔާރުންނާއި ޕޮލިސް ކޮމިޝަނަރުން ވެސް ހައްޔަރުކުރާ ހިސާބަށް ދާނެ ކަމަށާއި އަދި މިނިވަން މުއައްސަސާތައް ވެސް މުށުތެރެއަށް ލާނެ ކަމަށެވެ.

އެހެންކަމުން އެކަންކަމާއި ދެކޮޅަށް ތެދުވާންޖެހޭ ކަމަށާއި އެހެން ނޫން ނަމަ ގައުމުގެ މިސްރާބު ހަމައިން ނެއްޓި ގައުމުގެ މިސްރާބު ފަހަތަށް ހިނގައިދާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން