ޚިޔާނާތުގެ ތުހުމަތުކޮށް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ހައްޔަރުކުރިއަސް ފަހަތަށް ޖެހިވަޑައިނުގަންނަވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

ރާޅުގަނޑު ސަރަހައްދުގައި އެމްޑީޕީން ރޭ ބޭއްވި މަޖިލިސް އިންތިހާބުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ޗެއާޕާސަން އަދި ކުރީ ސަރުކާރުގެ އެންމެ ބާރުގަދަ ވަޒީރުގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާ ފައްޔާޒް އިސްމާޢީލް ވިދާޅުވީ، އޭނާ ފުލުހަށް ހާޒިރުވާން ޗިޓް ފޮނުވީ އެމްޑީޕީގެ ލީޑާޝިޕަށް ބިރު ދައްކައިގެން، އާންމު ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީ މީހުންނަކީ ވެސް ބިރު ގަންނަ ބައެއް ނޫން ކަމަށް ފައްޔާޒް ވިދާޅުވި އެވެ.



"އަޅުގަނޑު ގެންގޮސް ހައްޔަރު ވެސް ކުރަންވީ، އަޅުގަނޑުގެ ފުރާނަ ވެސް ދުއްވާލަންވީ، ކުޑަ ކޮށް ވެސް ފަހަތައް ނުޖެހޭނެ. އެކަން އަޅުގަނޑުމެން ސާބިތު ކޮށްފަ އޮންނާނީ 2013 ވަނަ އަހަރުން 2018 ވަނަ އަހަރާ ދޭތެރޭގައި. އެހެންވީމާ އެހެން އަދި އަޅުގަނޑުމެންނަށް ބިރު ދެއްކޭނެ ކަމަށް ވިސްނަވައިގެން ފުލުސް އޮފީހަށް ހާޒިރު ކޮށްލައިގެން، އަޅުގަނޑުމެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ." ފައްޔާޒް ވިދާޅުވި އެވެ.

މީގެ އިތުރުން ފައްޔާޒް ވިދާޅުވީ ފާއިތުވި 20 އަހަރު އެމްޑީޕީން ކުރި މަސައްކަތާއި އެކު ސިޔާސީ ގޮތުން ބިރު ނުދެއްކޭނެކަން މިހާރު އެނގެން ވާނެ ކަމަށެވެ. އެގޮތުން އެމްޑީޕީން މަގުމަތީގެ ހަރަކާތްތައް މުޅި ރާއްޖޭގައި ހިންގައި، ގައުމުގައި އަދުލު އިންސާފު ގާއިމް ކުރަން އެޕާޓީން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު ވަނީ އޭނާ ހައްޔަރު ކުރިއަސް ފަހަތަށް ނުޖެހުމަށް އެޕާޓީގެ ސަޕޯޓަރުންނަށް ގޮވާލައްވާފައެވެ.

"އަޅުގަނޑުގެ އެޑްވައިސް އަކީ އެއްގޮތަކަށް ވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާތި. މާދަމާ އަޅުގަނޑު ގެންގޮސް އެތަނުގައި ހައްޔަރު ކުރިއަސް އެއްގޮތަކަށް ވެސް ކަންބޮޑުވެނުލައްވާތި. އަޅުގަނޑާއި ދޭތެރޭގައި، އަޅުގަނޑުގެ އެއްވެސް ކަންބޮޑުވުމެއް ނޯންނާނެ. އަޅުގަނޑުގެ ބިރުވެރި ކަމެއް ނޯންނާނެ. އެތަނުގައި އަޅުގަނޑަށް ކޮންމެ ގޮތެއް ހެދިޔަސް ތިޔަ ބޭފުޅުން ކުރައްވަމުން ގެންދަވާ މަސައްކަތް ކުރައްވާ. އެމްޑީޕީ އަށް މަޖިލީހުގެ މެޖޯރިޓީ ހޯއްދަވައިދެއްވާ،" ފައްޔާޒް ވިދާޅުވި އެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ތެރެއިން ހިންގި ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށެވެ. އޭނާ ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައިފައިވަނީ މިއަދު ހަވީރު 3 ޖަހާއިރަށެވެ.

ފައްޔާޒު ފާހަގަ ކުރެވިފައި ވަނީ ކުރީ ސަރުކާރުގެ އެންމެ ބާރުގަދަ ވަޒީރުގެ ގޮތުގައެވެ. އެގޮތުން އެމްޑީޕީގެ ބާރުތައް ނެގުމަށް ރައީސް ނަޝީދާ ދެކޮޅަށް ފައްޔާޒު ހިންގެވި ވަރުގަދަ ހަރަކާތުގެ ތެރެއިން ރައީސް ނަޝީދުގެ އަތްޕުޅުން އެމްޑީޕީ އަތުލައި، ނަޝީދާއި ނަޝީދުގެ އާއިލީ ބޭފުޅުންނާއި އެމަނިކުފާނުގެ ގާތް އެކުވެރިން އެންމެ ފަހުން ވަނީ ޕާޓީ ދޫކޮށްލައްވާފައެވެ.

ނިމިދިޔަ ސަރުކާރު ވެރިކަމަށް އައިސް ބަދަލުގެ ގޮތުގައި އެކިފަރާތްތަކަށް ދޫކޮށްފައިވާ ބޮޑެތި ފައިސާގެ އަދަދު ތަކުގެ ތެރެއިން އެންމެ ފުރަތަމަ ފައިސާ ދީފައިވަނީ ފައްޔާޒުގެ އާއިލީ މަސްލަހަތު އޮންނަ ބިގް ކުންފުންޏަށެވެ. އެމައްސަލަ މިހާރު ވަނީ އަލުން ތަހުގީގުވެސް ކުރަން ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން