މާލޭ މީހުންނަށް ގޯއްޗާއި ފުލެޓް ލިބޭގޮތަށް މިހާރު ބިލެއް ފާސްނުކުރަނީ އެބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގު ނުކުރަށްވާނެތީ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެއެވެ.

ރާޅުގަނޑު ސަރަހައްދުގައި އެމްޑީޕީން ރޭ ބޭއްވި މަޖިލިސް އިންތިހާބުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވީ، އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުގައި މިހާރު އޮތުމުން މާލެ މީހުންނަށް ގޯއްޗާއި ފުލެޓް ލިބޭގޮތަށް ބިލެެއް ފާސްކުރެވިދާނެ ކަމަށެވެ. އެހެން ނަމަވެސް އެ ބިލް ރައީސް ޑރ. މުޢިއްޒު ތަސްދީގު ނުކުރައްވައި ގެޒެޓް ނުކުރަށްވައިފިނަމަ އެބިލް ގާނޫނަކަށް ވެގެން ނުދާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު މިހެން ވިދާޅުވި ނަމަވެސް އެފަދަ ބިލެއް ފާސްކޮށްގެން ރައީސް ތަސްދީގު ކުރަން މަޖުބޫރު ކުރެވޭނެގޮތް ވެސް ގާނޫނުގައި އޮތީ ކަނޑައަޅާފައެވެ. އަދި މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ތާރީޚު ފަސްކުރަން ފާސްކުރި ބިލު ރައީސް ތަސްދީގު ނުކުރެއްވުމުން އެ ބިލު ފަހުން ފާސްކުރީ ބިލު ތަސްދީގުކުރަން ރައީސަށް މަޖުބޫރުވާ ގޮތަށްކަން ފާހަގަ ކޮށްލެވެއެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުން އެމްޑީޕީއަށް މެޖޯރިޓީ ލިބިއްޖެނަމަ ގުޅީފަޅު، ހުޅުމާލެ، ގިރާވަރު، އުތުރުތިލަފަޅު، މިހުރިހާ ތަނެއްގެ ގޯތި ކަށަވަރު ކުރުމަށް ޤާނޫނަށް ބަދަލު ގެނެސް ޤާނުނީ ގޮތުން އެކަން މާލޭގެ ރައްޔިތުންނަށް ކަށަވަރު ކޮށްދެއްވާނެ ކަމަށެވެ.

"މިއަދު އަޅުގަނޑުމެން ބިލެއް ފާސްކޮށްގެން އެބިލް ގެޒެޓްނުކޮށް ރައީސް ބޭއްވީމަކާ އެވުޖޫދަކަށް ނާންނާނެ، ކުރިއަށް އޮތް ފަސް އަހަރަށް އަޅުގަނޑުމެންނަށް މެޖޯރިޓީ ލިބުނީމާ ފާސްކުރާ ބިލަކީ ކުރިއަށް އޮތް ފަސްއަހަރަށް ހަމަގައިމު ވެސް ބަދަލެއް ނުގެނެވޭނެ އެއްޗެއް މިއަދު އަޅުގަނޑުމެން އެބިލް ފާސްކުރި ނަމަވެސް މިހާރުގެ ސަރުކާރަށް މެޖޯރިޓީ ލިބިއްޖެއްޔާ އެ އެއްކޮށް އަނބުރާލެވޭނެ،" ފައްޔާޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން