މި ސަރުކާރުން ފައިސާ ޗާޕު ކުރުން ހުއްޓާލައި، ހަރަދު ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އޭގެ ހެޔޮ އަސަރު ރާއްޖޭގެ އިގުތިސާދުން ފެންނަމުންދާކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭއިން ބުނެފިއެވެ.

އެ ބޭންކުން މިހެން ބުނެފައިވަނީ އިއްޔެ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއްގައެވެ.

އެ ބައްދަލުވުމުގައި ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވީ، ހިސާބުތަކުން ދައްކާގޮތުގައި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 33.5 ބިލިއަން ރުފިޔާ ލިބިފައިވާކަމަށާއި މާޗް 14 އާ ހަމައަށް 7.2 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އެހެންކަމުން އާމްދަނީ ވަރަށް ބޮޑަށް އިންލައިންވާކަން ފާހަގަ ކުރައްވާ ވިދާޅުވީ، ދައުލަތުގެ ރިކަރަންޓް ހަރަދުތައް ވަރަށް ބޮޑަށް ކުޑަކޮށްފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، ރިކަރަންޓް އަދި ކެޕިޓަލް ހަރަދުތައް މާޗް މަހުގެ މިހާތަނަށް ކުޑަކަން ފާހަގަ ކުރެވޭކަމަށެވެ. ހާއްސަ ގޮތެއްގައި 2023 ވަނަ އަހަރު ކެޕިޓަލް ހަރަދު 3.2 ބިލިއަނަށް އަރާފައިވާކަމަށާއި ނަމަވެސް، މިހާރު އެ އަދަދު ހުރީ 1.5 ބިލިއަން ރުފިޔާގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ފާއިތުވި ތިން މަހު ގްރޮސް ރިޒާވްގައި އެމްއެމްއޭގެ މިންގަނޑާ އެއްގޮތަށް ގާތްގަނޑަކަށް 580 މިލިއަން ޑޮލަރު އެބަހުރިކަމަށް އޭނާވަނީ ވިދާޅުވެފައެވެ. އަދި އަހަރު ނިމޭއިރު އެއަދަދު 600 މިލިއަން ޑޮލަރުގައި ހިފެހެއްޓޭނެކަމަށް ގަބޫލު ކުރެވޭކަމަށް ވެސް ވިދާޅުވިއެވެ.

ހަރަދު ކުޑަކުރުމުގެ ހެޔޮ އަސަރު ފެންނަން ފަށާފައިވާކަމަށް އެމްއެމްއޭއިން ބުނެފައިވާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުވަނީ ވެރިކަމަށް ވަޑައިގެން ފައިސާ ޗާޕްކުރުން އެއްކޮށް ހުއްޓާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން