ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު، ފިތުރު ޒަކާތުގެ ގޮތުގައި މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ލިބިފައި ވާކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބުނެފިއެވެ.

މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށާފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ، ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް މާލެއާއި އަތޮޅުތަކުގައި ފިތުރު ޒަކާތް ބަލައިގަންނަމުންދާނެ ކަމަށެވެ.

ރޯދަ މަހުގެ ފުރަތަމަ 10 ދުވަހު ޒަކާތް ދައްކާފައިވާ ނިސްބަތް އާއްމުކުރަމުން މޯލްޑިވްސް ޒަކާތު ހައުސްއިން ބުނީ، ޒަކާތުގެ ގޮތުގައި 1،599،113 ރުފިޔާ ލިބިފައިވާ ކަމަށެވެ.

ޒަކާތު ހައުސްއިން އާއްމުކުރި މައުލޫމާތަށް ބަލާއިރު، އެންމެ ގިނަ މީހުން ޒަކާތް ދައްކާފައި ވަނީ އާދައިގެ ހަނޑުލަށްވާ ފައިސާއިންނެވެ. އަދި އެންމެ މަދު މީހުން ޒަކާތް ދައްކާފައި ވަނީ ރަތް ހަނޑުލަށްވާ ފައިސާއިންނެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭނީ ޢާންމުކޮށް އަހަރުތެރޭގައި ކައިއުޅޭ ބާވަތްތަކުން ޞާއެއްގެ މިންވަރު (2.4 ކިލޯ) ނުވަތަ އެއަށްވާ އަގެވެ.

އަތޮޅު ތެރޭގައި ފިތުރު ޒަކާތް ދައްކަން ޖެހެނީ އެ ރަށެއްގެ ރަށު ކައުންސިލް އިދާރާއަށެވެ. އަދި އޮންލައިންކޮށް ޒަކާތް ދެއްކުމަށް ދިރާގު ވެބްސައިޓާއި، ދިރާގު ޕޭ އާއި އެމްފައިސާ އާއި އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދެއްކޭނޭ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ޒަކާތު ހައުސްއިން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ބީއެމްއެލް ވެބްސައިޓުންނާއި، އެމްއައިބީ ފައިސާ ނެޓް އަދި މާލެ އާއި ހުޅުމާލޭ ބްރާންޗު ކައުންޓަރުންނާއި، ފަހިޕޭ އެޕްލިކޭޝަން މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެ ކަމަށް ޒަކާތު ހައުސްއިން މަޢުލޫމާތު ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން