އާދީއްތަ ދުވަހުން ފެށިގެން ގޮވާމުން ޒަކާތް ބަލައިގަންނަން ފަށާނެ ކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ބުނެފިއެވެ.

އެ އިދާރާއިން ކުރި އިއުލާނެއްގައި ބުނީ، އެހެން އަހަރުތަކެކޭވެސް އެއްފަދައިން މި އަހަރުވެސް ގޮވާމުން ޒަކާތް ދައްކަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

އެގޮތުން، އާދީއްތަ ދުވަހުން ފެށިގެން، އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ގޮވާމުން ޒަކާތް ބަލައިގަންނާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.

މާލެ ސިޓީގައި ގޮވާމުން ޒަކާތް ބަލައިގަންނަން ހަމަޖެހިފައި ވަނީ އަމީނިއްޔާ ސްކޫލު ހޯލުގައެވެ. ގޮވާމުން ޒަކާތް ދައްކަން އަމީނިއްޔާ ސްކޫލަށް ދާ މީހުން، އެ ސްކޫލުގެ 'ލިލީމަގު ގޭޓް' ބޭނުން ކުރުމަށް ޒަކާތު ހައުސްއިން ވަނީ އެދިފައެވެ.

"ފިޠުރުޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު އާއްމުގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުން، ބޮލަކަށް، 2.4 ކިލޯގެ މިންވަރެވެ." އެ އިދާރާއިން ބުންޏެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވާ ގޮވާމުގެ ބާވަތްތަކަކީ:-

* އާދައިގެ ހަނޑޫ

* ތައިލެންޑް ހަނޑޫ

* ބާސްމަތީ ހަނޑޫ

* ރަތް ހަނޑޫ

* ގޮދަން ފުށް

* އާޓާ ފުށް

އަދީއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް، ހުކުރާއި ހޮނިހިރު ފިޔަވައި އެހެން ހުރިހާ ދުވަހެއްގެ މެންދުރު 1:00ން ހަވީރު 4:00ށް އަމީނިއްޔާ ސްކޫލުން ގޮވާމުން ޒަކާތް ބަލައިގަންނާނެއެވެ.

އޭޕްރީލް 9 ވަނަ ދުވަހު ގޮވާމުން ޒަކާތް ބަލައިގަންނާނީ މެންދުރު 1:00ން އިރުއޮއްސި 6:00ށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން