ކާފިއު ވަގުތުތަކުގައި ބޭރުގައި އުޅޭ ފަރާތްތައް ޖޫރިމަނާ ކުރާނެ ކަމަށް ފުލުހުން ބުނޭ
ކާފިއު ވަގުތުތަކުގައި ބޭރުގައި އުޅޭ ފަރާތްތައް ޖޫރިމަނާ ކުރާނެ ކަމަށް ފުލުހުން ބުނޭ
މާލޭސަރަޙައްދުގައި ބޭރަށް ނިކުމެ އުޅުން މަނާކޮށްފައިވާ ވަގުތުތަކުގައި ބޭރުގައި އުޅޭ ފަރާތްތައް ޖޫރިމަނާ ކުރާނެކަމަށް ފުލުހުން ބުނެފިއެވެ.

މިއަދުގެ ބޭއްވި މީޑިއާ ބްރީފިންގައި މަޢުލޫމާތު ދެއްވަމުން މާލޭ ސިޓީ ފުލުހުންގެ ކޮމާންޑަރ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، ރޭގަނޑު 10:00ގެ ފަހުން މަގުމަތީގައި އުޅޭ ހުރިހާ އެންމެން ޖޫރިމަނާކުރާނެ ކަމަށެވެ. އަދި ވަޒީފާގެ ޑިއުޓީއަށް ދާ މީހެއްނަމަ އެމީހަކު ޔުނިފޯމްގައި ހުރުމަށާއި އެ މީހެއްގެ އަތުގައި ހުއްދަ އޮންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"10:00 އިން ފެށިގެން މަގުމަތީގައި އުޅޭ މީހުން އަޅުގަނޑުމެން ޖޫރިމަނާ ކުރަމުން ގެންދާނަން. ފުލުހުން މިރޭ މަސައްކަތް ފަށާއިރު، އެއްވެސް އުޅަނދަކަށް އަޅުގަނޑުމެން ހުއްދައެއް ނުދޭނެ. އެއްވެސް ބޭނުމަކަށް ހުއްދައެއް ނުދެވޭނެ. ހަމައެކަނި އެ ގަޑީގައި ދުއްވޭނީ ސަލާމަތީ ހިދުމަތްތަކާއި ސިއްހީ ހިދުމަތް ދޭ އުޅަނދު ފަހަރަށާއި އެމްބިއުލާންސަށް އެކަނި." ޝަރީފް ވިދާޅުވިއެވެ.

މާލޭ ސަރަޙައްދުގައި ލޮކްޑައުނަށް ދިން ލުޔާއެކު، ދިވެހިންގެ މެދުގައި ކޮވިޑް ފެތުރޭ ވަރު އިތުރުވެ، ކޮންމެ ދުވަހަކު އެ ބަލިޖެހޭ މީހުންގެ އަދަދު ވެސް ދަނީ މައްޗަށެވެ. އެކަމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިރެއިން ފެށިގެން ކޮންމެ ރެއެއްގެ 10:00 އިން ފަތިހު 5:00 އަށް މާލެ ސަރަހައްދުގައި ބޭރަށް ނުކުމެ އުޅުމާއި، އެއްގަމު އުޅަނދުފަހަރު ދުއްވުން ސަރުކާރުން މިއަދު ވަނީ މަނާކޮށްފައެވެ. މިދިޔަ ހަފުތާއެއްގެ ތެރޭގައި ކޮވިޑް ބަލީގައި ހަތަރު މީހަކު މަރުވެފައިވާއިރު، އެއީ މުޅިން ވެސް ދިވެހިންނެވެ. މިހާތަނަށް މަރުވި މީހުންގެ އަދަދަކީ 19 އެވެ.

ރާއްޖެ އިން މިހާތަނަށް ވަނީ 4،293 މީހަކަށް ކޮވިޑް ޖެހި، 2،670 މީހަކު އެ ބަލިން ރަނގަޅުވެފަ އެވެ. މިހާރު ފަރުވާގައި ތިބީ 1،589 މީހެކެވެ. އޭގެ ތެރެއިން 92 މީހަކަށް ފަރުވާދެނީ ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން