ރައީސް ޑރ. މުހައްމަދު މުޢިއްޒު އުފައްދަވަން ބޭނުންވަނީ ފިތުނައިގެ ގައުމިއްޔަތެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ވެސް ވާދަކުރައްވާ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދުގެ ކެމްޕޭން ހަަރަކާތެއްގައި ވާހަަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ގައުމިއްޔަތުގެ ވަރަށް ބޮޑު ރޫހެއްގެ ވާހަަކަ ދައްކަވަމުން ކަމަށެވެ.

އެހެން ނަމަވެސް އެ ވާހަކަތަކަކީ ރައްޔިތުންނަށް އޮޅުވާލުމަށް ދެއްކެވި ވާހަކަތަކެއް ކަމަށް ޝާހިދު ސިފަ ކުރެއްވި އެވެ.

"ޑރ. މުއިއްޒު އުފައްދަވަން ބޭނުންވާ ގައުމިއްޔަތަކީ ނަފުރަތާ ދޮގާ ފިތުނައިގެ ގައުމިއްޔަތެއް. އެ ނޫން އެއްވެސް އެއްޗެއް ނެތް. ޑރ. މުއިއްޒުގެ މުޅި ވެރިކަން ބިނާކުރަން ބޭނުންފުޅުވަނީ އަޅުގަނޑުމެންގެ ތެރެ ބައިބައިކުރުވުން. ދިވެހީންގެ ތެރެއިން އެއްބައި ރައްޔިތުންނަކީ ދިވެހީން ނޫން ކަމަށް ކަނޑައެޅުމަށް. ޑރ މުއިއްޒުގެ ވެރިކަން އެ ގެންގުޅުއްވާ ފަލްސަފާތަކަކީ ދިވެހި ރައްޔިތުން ނޫން ކަމަށް ފާޅުގައި އެމަނިކުފާނުގެ އިސް ސަފުގައި މަސައްކަތް ކުރައްވާ ބޭފުޅުން އެ ގެންދަވަނީ ވިދާޅުވަމުން. އަދި އެ ވާހަކަތައް ވިދާޅުވާއިރު ޑރ. މުއިއްޒު އެބަ އިންނަވާ އެންމެ ކުރީގައި އަތް ތިލަ ބަޑި ޖައްސަވަން." ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ފިތުނަގައިގެ ގައުމިއްޔަތު އުފައްދައިގެން ގައުމުތަކަށް ވެފައިއޮތް ގޮތް ތާރީހުން ފެންނަން އެބަ އޮތް ކަމަށެވެ.

އެގޮތުން އަޅުގަނޑުމެންގެ އަޚަކީ އިންސާނެއް ނޫން ކަމަށް ގަބޫލުކުރާ ހިސާބަށް ފިތުނަ އުފެއްދީމާ ގަތުލު އާންމުތައް ދުނިޔޭގައި ހިނގާފައި އެބަ ހުރި ކަމަށާއި ރައީސް މުއިއްޒު ރާއްޖޭގެ ވެރިކަމުގެ މިސްރާބު ބަދަލުކުރައްވާފައި ހުންނެވީ އެ މިސްރާބަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން