ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިބި ބައެއް މެމްބަރުންނަށް ދެވަނަ ފުރުސަތެއް ދިނުމަކީ ރައްޔިތުންނަށް ހެދޭ ބޮޑު ގޯހަކަށް ނޫނީ ނުވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެެ.

ސަރުކާރު ހިންގާ މައިޕާޓީ، ޕީއެންސީގެ ޓިކެޓްގައި މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރަށްވާ އަހްމަދު މުސްތަފާ މުހައްމަދުގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިބި ބައެއް މެމްބަރުންނަކީ ވަރަށް ޣައިރު ޒިންމާދާރުކޮށް އަމަލުކުރާ ފިނޑި މެމްބަރުން ކަމަށެވެ. ސަރުކާރުން މަޖިލީހަށް ހުށައަޅާ ބިލްތައް ވެސް މަޖިލީހުން ބޭރުކޮށްލަނީ އޮޅުވާލުމާއި މަކަރުގެ ތެރެއިން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން މަޖިލީހަށް ހުށައެޅި ސޮވެރިން ޑިވެލޮޕްމަންޓު ފަންޑުގެ ބިލް ވެސް ބޭރުކޮށްލީ މަކަރާއި އޮޅުވާލުމުގެ ތެރެއިން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"އެހާ ފިނޑި ދެކޮޅު ނުޖެހޭ ޣައިރު ޒިންމާދާރު މީހުން މަޖިލީހުގައި ތިބީ އެމީހުންނަށް ދެވަނަ ފަހަރަށް ވޯޓް ދިނުމަކީ އަތުން ހެދޭނެ ބޮޑު ގޯހަކަށް ނޫނީ ނުވާނެ، ޒިންމާދާރުވެ، އަމިއްލަ ނަފްސަށް ތެދުވެރިވާން ޖެހޭނެ." ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް އެ ޢިޝާރާތް ކުރެއްވި ބިލު މަޖިލީހުން ބޭރުކޮށްލީ ރިޔާސަތުން ވޯޓަށް އެހުމަށްފަހު ބިލަށް އެންމެ ދެ މެންބަރެއްގެ ވޯޓު ހޯދައިގެންނެވެ. ޕީޕީއެމް/ ޕީއެންސީގެ މެންބަރުން ވިދާޅުވީ ރިޔާސަތުން އެކަން އެގޮތަށް ކުރީ ގަސްތުގައި އޮޅުވާލައިގެން ބިލު ބޭރުކޮށްލަން ވެގެން ކަމަށެވެ. އެޕާޓީގެ މެންބަރުން ބޭރުގައި ތިއްބާ ވޯޓު ނަގާކަން އަންގާވެސް ނުލާ ވޯޓުގެ އިޖުރާއަތްތައް ވެސް ފުރިހަމަ ނުކޮށް ރިޔާސަތުން ކުއްލިއަކަށް ވޯޓަށް އަހައި ވަރަށް ޚުދުމުޚުތާރު ގޮތަކަށް އަމަލުކޮށް ގަސްތުގައި ބިލު ބޭރުކޮށްލީ ކަމަށް އެމެންބަރުން ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-7

ޢަހުމަދު

01-Apr-2024

ޒިންމާދާރު މެމްބަރުން މަޖިލީހަށް ހާޒިރު ނުވީ ކީއްވެ؟ މުއިއްޒު އަށް ކިޔޭނުކިޔޭ އެއްޗެއްވެސް ނޭނގޭ. ކޮސް ގޮވޭއިރުވެސް ނޭނގޭ.



ޓްރެންޑިން