ޕީޕިއެމް-ޕީއެންސީ މަގުމަތި ކޮށްލަން އުޅުމުން އެ ފުރުސަތު ނުދީ މިއަދު މިތިބީ ވެރިކަމަށް އައިސް ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ކުރީގެ ރައީސް ޔާމީނަށް ނުސީދާ ބަހުގެ ހަމަލާތަކެއް މިރޭ ދެއްވައިފިއެވެ.

އައްޑޫ ހުޅުދޫ ދާއިރާއަށް ވާދަކުރަށްވާ ޕީއެންސީގެ ކެންޑިޑޭޓް ޝާޑުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީޕިއެމް-ޕީއެންސީގެ ލީޑަރަކީ ރަައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމަށާއި އެޕާޓީއަށް ރަނގަޅު ގޮތް ހޯއްދަވާނީ އެމަނިކުފާނު ކަމަށެވެ.

ކުރީގެ ރައީސް ޔާމީނަށް ނުސީދާ ކޮށް ފާޑުވިދާޅުވަމުން އަބުދުއްރަޙީމް ވިދާޅުވީ އަންހެނުން ވަރިކޮށްފައި ވަރިކުރި އަނބިމީހާ އަށް މާރަގަނޅު ގޮތް ހޯދަން ނުވަތަ ހެއު އެދިގެން ވާހަކަ ދެއްކުމަކީ ކުރަން ހެއުވާވަރުގެ ކަމެއް ނޫން ކަމަށެވެ.

"ވަރިކޮށްލާނީ ކަމު ނުދިޔައީމަ. އެހެންވީމަ ޕީޕިއެމް ޕީއެންސީ އަށް ރަނގަޅު ގޮތް ހޯއްދަވާނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު،. ޕީޕިއެމް ޕީއެންސީ އަށް ދިރުން އަންނާނެ ގޮތާއި ކުރިއެރުން އަންނާނެ ގޮތާއި އަޅުގަނޑުމެންނަށް ބުނެދޭކަަށް އެހެން ބަޔަކަށް ނޭނގޭނެ." އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން އަދުރޭ ވިދާޅުވީ ޕީޕިއެމް / ޕީއެންސީ އަށް ރަނގަޅު ގޮތް ހޯދީ އެޕާޓީގެ ލީޑަރޝިޕުން ކަމަށާއި ޕީއެންސީ މަގުމަތި ކުރަން އުޅުމުން ވެރިކަމަށް އައީ އެކަމަށް ފުރުސަތު ނުދީ ކަމަށެވެ. އެގޮތުން އެ ދެޕާޓީގެ ލީޑަރޝިޕުން ނިކުތީ މެމްބަރުން މަގުމަތިވިޔަ ނުދިނުމަށް ކަމަށް އަދުރޭ ވިދާޅުވިއެވެ.

"ޕީޕިއެމް ޕީއެންސީ މަގުމަތި ކުރަން އުޅުނީމަ އެފުރުސަތު ނުދީ ވެރިކަމަށް އައިސް މިތިބީ ޕީޕިއެމް ޕީއެންސީ އާއި މެމްބަރުން މަގުމަތިކޮށްލަން ދިމާކުރި ވަގުތު އަޅުގަނޑުމެން ނިކުތީ މަގުމަތިވިޔަ ނުދޭން، އެހެންވީމަ ޕީޕިއެމް ޕީއެންސީ އަށް ކުރިއެރުން އަންނަ ގޮތް މި އެގެނީ އަޅުގަނޑުމެންނަށް. ތިމާ ބޭނުންވާ ކަމެއް ނުވީމަ ތިމާ އަށް ތިމާ ބޭނުންވާ މަގާމެއް ލިބޭނެ ގޮތް ނުވީމަ ދެން އެހެން އެންމެން ކަތިލަން ދިމާކުރުމަކީ މިގައުމަށް އިހުލާސްތެރިވުމެއް ނޫން. އެއީ ގައުމަށް ވަފާތެރިވުމެއް ނޫން. އެއީ ގައުމަކަށް ހެއު އެދުމެއް ނޫން. އެއީ ރައްޔިތުންނަށް ތެދުވެރިވުމެއް ވެސް ނޫން." ކުރީގެ ރައީސް ޔާމީނަށް އިޝާރަތް ކުރަށްވަމުން އަދުރޭ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން