އައްޑޫ ބްރިޖުގެ ފީޒިބިލިޓީގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި މިއަހަރު ނިމުމުގެ ކުރިން އެ ބްރިޖް އެޅުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި އައްޑޫ ހުޅުދޫ ދާއިރާ އަށް ވާދަ ކުރައްވާ މުހައްމަދު ޝާހިދު (ޝާޑު)ގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އައްޑޫ ބްރިޖުގެ ފީޒިބިލިޓީގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި އެބްރިޖްގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"ދެން މިހާރު އެ ހިނގަނީ އެމަސައްކަތާއި ގުޅިގެން އެ ކުރެވުނު ސާވޭގެ މައްޗަށް ކުރަންޖެހޭ އެކި ކަހަލަ ހިސާބުތަށް ހެދުމާއި ފީޒިބިލިޓީގެ ބާކީ ބައި އެކަން ނިއްމާފައި އަޅުގަނޑުމެން ދާނީ އަމަލީ މަސައްކަތް ފެށުމުގެ މަރުހަލާ އަށް އަޅުގަނޑު ވައުދުވީ ގޮތަށް 2024 މިއަހަރު ނިމުމުގެ ކުރިން އެ ބްރިޖްގެ މަސައްކަތް ފަށާނަން." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވަނީ އައްޑޫގެ ޓޫރިޒަމް ތަރައްގީ ކުރުމަށްޓަކައި 6،000 އެނދު އިތުރު ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރު ވެފައިވާކަން އިއުލާން ކުރަށްވާފައެވެ.

"އައްސޭރި ޓޫރިޒަމްގެ 6،000 ބެޑްގެ މަޝްރޫއު ވެސް ދާދި އަވަހަށް އަޅުގަނޑުމެން ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައި." ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މިވަގުތަކީ ހުޅުދޫ ދާއިރާ އަދި ހާއްސަކޮށް އައްޑޫގެ ތަރައްގީއަށްޓަކައި އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރަންވީ ފަހަރު ކަމަށް ވިދާޅުވެ އެދާއިރާއަށް ވާދަކުރަށްވާ މުޙައްމަދު ޝާހިދު އިންތިހާބު ކުރުމަށް ގޮވާލައްވާފައެވެ. ރައީސް ވިދާޅުވީ އައްޑޫގެ ސީ ޕްލޭން ޓާމިނަލްގެ މަސައްކަތް ވެސް ފަށާނެ ކަމަށެވެ. އަދި ސަރުކާރު މަސައްކަތް ކުރަނީ ހުރިހާ ކަމެއް އެއްފަހަރާ ފަށައި އައްޑު އަށް ތަރައްގީ ގެނައުމުގެ މަސައްކަތް ކުރުމަށް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން