ރައްޔިތުންގެ މަޖިލިސް ސަރުކާރަށް މުހިންމުވަނީ ތަރައްގީގެ ބިޔަ މަޝްރޫއުތައް ފަށާއިރު އެކަމަށް ގާނޫނީ ހިމާޔަތް ބޭނުންވާތީ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ޕީޕީއެމް/ ޕީއެންސީގެ ޓިކެޓުގައި އައްޑޫ ހުޅުދޫ ދާއިރާއަށް ވާދަ ކުރައްވާ މުހައްމަދު ޝާހިދު (ޝާޑު)ގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުން ކުރިއަށް ގެންދާ ބިޔަ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް އެ މަޝްރޫއުތަކަށް މަޖިލީހުން ގާނޫނީ ހިމާޔަތް ބޭނުންވާ ކަމަށެވެ. އަދި އަންނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް މުހިންމުވަނީ އެ ސަބަބާއި ހުރެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މަޝްރޫއު ތަކަށް ގާނޫނީ ހިމާޔަތް ނުލިބޭނަމަ ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ވެސް އެ މަޝްރޫއުތަކަށް ބަދަލު ގެނައުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

"ގާނޫނުން ތައާރަފް ކުރަން ބޭނުންވާ ކަންކަން މިއީ އަޅުގަނޑުމެން،އެއީ މިކަހަލަ ބިޔަ ބޮޑެތި ކަންކަން ފަށާއިރު އެކަމަށް ގާނޫނީ ހިމާޔަތްތެރިކަން ނެތިއްޔާ އެކަން ދާނީ ގެއްލިގެން އެއަށް ގޮތްގޮތް ހެދުމުގެ ބާރު ވެރިކަން ބަދަލުވީމަ އޮންނާނެ. އެހެންވީމަ މަޖިލިސް މުހިންމުވަނީ." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޑރ މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ގެދޮރުވެރިކަން ވެސް ޔަގީން ކޮށްދެވޭނީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބިގެން ކަމަށާއި އެއީ ރައްޔިތުންނަށް އެ ހައްގު ކަށަވަރު ކޮށްދިނުމަށް ފާސްކުރަންޖެހޭ ގާނޫނު ތަކެއް ހުރުމުން ކަމަށެެވެ.

"އެކަން ބާރު ސްޕީޑްގައި ގެންދެވޭނީ ރައްޔިތުންގެ މަޖިލީހުގައި އެވިސްނުމުގައި މަސައްކަތް ކުރާނެ ބަޔަކު ތިބިއްޔާ އެކަން ކޮށްދެވޭނީ ރައްޔިތުންނަށް، ރައްޔިތުންގެ އަތްމަތީގައި އޮތީ އެކަން އަމިއްލަފުޅަށް ނިންމެވުން. ރައްޔިތުން ގެދޮރުވެރިކަން ޔަގީން ކުރަން ބޭނުމިއްޔާ އެ ނިންމުން ނިންމަވައިދެއްވާ. 21 އޭޕްރީލްގައި އަޅުގަނޑުމެންގެ ކެންޑިޑޭޓުން ހޮއްވަވައިގެން އޭރުން އެކަން ވާނީ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހި ރައްޔިތުން ވަނީ ގައުމުގެ ފާލު ނެއްޓިގެންދަނިކޮށް ބުރަ މަސައްކަތްތަކެއްކޮށް ހަމަ މަގަށް ގެނެސް ދިވެހިންގެ ރާއްޖެއަށް މިސްރާބު ޖަހާފައިކަމަށާއި އެ މަސައްކަތްތައް ފުރިހަަމަ ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ދިވެހީންގެ ރާއްޖޭގެ ވިސްނުން ގެންދަންޖެހޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އެ މަސައްކަތްތަކުގައި ނާކާމިޔާބުވެއްޖެ ހާލަތުގައި ކުރަމުން އައިސްފައިވާ މަސައްކަތްތަކުގެ ހަގީގީ ފޮނިމީރުކަން ލިބިގެންނުދާނެ ކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވީ، މިހާރު ކުރަމުންދާ މަސައްކަތްތަކުގައި ބުރަކޮށް އުޅެންޖެހެނީ އެ ސަބަބުތަކާއި ގުޅިގެންކަމަށާއި އެހެންކަމުން ކުރިއަށް އޮތް ތިން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެ ކަންކަމުގައި ހިތްވަރާއި ޖޯޝާއިއެކު މަސައްކަތްކޮށްދެއްވުމަށް ހުރިހާ ރައްޔިތުންގެ ކިބައިން އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ވިދާޅުވީ ރައްޔިތުން ގެދޮރުވެރި ކުރުމަށް ތިން ލޯން ސްކީމެއް ތައާރަފް ކުރަން ނިއްމާފައިވާ ކަމަށެެވެ. އެކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ގާނޫނީ ބާރުވެރިކަމާއި ގާނޫނީ ފަރުވާ ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން