އެއާޕޯޓް ތަރައްގީ ކުރާ ރަށްތަކުގެ ލިސްޓުގައި ދާންދޫ ދާއިރާ ހިމަނަން އެ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ އެދިވަޑައިގެންފި އެވެ.

ޔައުގޫބް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ފޮނުއްވި ސިޓީ ގައި ވިދާޅުވީ ހުވަދު އަތޮޅުގެ ގިނަ ރައްޔިތުން ދަތުރުކުރަނީ ގއ. ކޫއްޑޫ އެއާޕޯޓް މެދުވެރިކޮށް ކަމަށެވެ.

އެހެން ނަމަވެސް ފާއިތުވި ސަރުކާރުތަކުގައި މީހުން ދިރިއުޅޭ ރަށްރަށުން އެއާޕޯޓްތަކަށް ދަތުރުކުރުމުގައި ގެންގުޅުނު ވިއްސަކަށް މިނެޓްގެ ސިޔާސަތުން ދާންދޫ ދާއިރާގެ ރައްޔިތުން މަހުރޫމުވެދާނެކަން މިހާރު ޔަގީންވެފައިވާ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

އެގޮތުން ގއ. ވިލިނގިލީގައި އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް އެއްބަސްވުންތަކުގައި މިދިޔަ ފެބްރުއަކީ މަހު ސޮއިކޮށްފައިވާ އިރު އޭގެ ނަތީޖާއަކީ ކޫޢްޑޫގެ އޮަޕަރޭޝަންތައް ހުއްޓި އެ ދާއިރާގެ ރަށްތަކުގެ ރައްޔިތުން އެއާޕޯޓަށް ކުރަން ޖެހޭ ދަތުރުގެ ވަގުތު އިތުރަށް ދިގުލައިގެން ދިއުން ކަަމަށް ޔައުގޫބް ވިދާޅުވި އެވެ.

އެހެންވެ ރައްޔިތުންނަށް އިތުރު ތަކުލީފެއް ކުރިމަތިވެދާނެކަމުގެ ބިރު ހީވާތީ އެކަން ކުރުމަށް މި އަހަަރަށް މަޖިލީހުން ފާސްކުރި ބަޖެޓުގައި ހިމެނިކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"އަދި ދާއިރާގެ ގިނަ ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް އެއާޕޯޓެއް އެޅުމަށް އެންމެ އެކަށޭނަ ތަނަކީ ދާންދޫއާއި ވޮޑަމުލާ ދެމެދު ފަޅުތެރެއިން ބައެއް ހިއްކައިގެން އެ ސަރަހައްދުގަ އެވެ. އަދި އަޅުގަނޑު ވާނީ މި އަހަރު އެއާޕޯޓް ޕްރޮޖެކްޓްގެ ކޮންސެޕްޓް ވެސް ތައްޔާރުކޮށްފަ އެވެ. އެގޮތުން ސަރުކާރަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފަސޭހަ ކުރުމުގެ ގޮތުން ސިޓީއާއެކު ކޮންސެޕްޓްގެ ކުރެހުންތަކުގެ ތެރެއިން އެއް ކަރުދާސް ފޮނުވަމެވެ." ސިޓީގައިވެ އެވެ.

އެހެންވެ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އެއާޕޯޓް ތަރައްގީކުރާ ރަށްތަކުގެ ލިސްޓަށް ދާންދޫ ދާއިރާއަށް ބަޖެޓުކޮށްފައިވާ އެއާޕޯޓް އިތުރުކޮށް އެ ލިސްޓު އަލުން އިއުލާނުކޮށްދެއްވުމަށް ޔައުގޫބް އެދިވަޑައިގެންނެވި އެވެ.

ރައީސް ޑރ، މުހައްމަދު މުއިއްޒުގެ ގަރާރަކުން އެއާޕޯޓް އަޅާނެ ނުވަ ރަށެއް ހިމެނޭ ލިސްޓެއް ވަނީ އިއުލާންކޮށްފަ އެވެ. އެ ލިސްޓުގައި ހިމެނެނީ ހއ. ދިއްދޫ، ށ. ދިގުވެލި، ށ. މިލަންދޫ، ނ. ވިހަފަރު، ރ. ފައިނު، އއ. މަތިވެރި، ފ. ނިލަންދޫ، ގއ. މާޅެންދޫ އަދި ތ. ގުރައިދޫ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން