ރަށްރަށުގެ ސްޕޯޓްސް ކައުންސިލަރުން ސްޕޯޓްސް މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ނިންމައިފި އެވެ.

ސްޕޯޓްސް ކައުންސިލަރުން މިހާރު ތިބެނީ ކައުންސިލްތަކުގެ ދަށުގަ އެވެެ.

ނަމަވެސް ސްޕޯޓްސް މިނިސްޓްރީން ރަށްރަށުގެ ކައުންސިލްތަކަށް އެޑްރެސްކޮށް ނެރުނު ސާކިއުލާއެއްގައި ބުނީ ސްޕޯޓްސް ކައުންސިލަރުން ސްޕޯޓްސް މިނިސްޓްރީގެ ދަށަށް ގެންނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފައިވާ ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް އެކަން ނިންމެވުމަށް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން ރަށްރަށުގެ ކައުންސިލްތަކުގެ ދަށުގައި ތިބި ސްޕޯޓްސް ކައުންސިލަރުން ސްޕޯޓްސް މިނިސްޓްރީގެ ދަށަށް މާދަމާއިން ފެށިގެން ބަދަލުކުރުމުގެ ގޮތުން ސިވިލް ސާވިސް ކޮމިޝަނާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

ހަމަ އެހެންމެ ސްޕޯޓްސް ކައުންސިލަރުންނަށް މުސާރަ ދިނުމުގެ އެންމެހާ ކަންކަން ވެސް މާދަމާއިން ފެށިގެން ކުރިއަށް ގެންދާނީ ސްޕޯޓްސް މިނިސްޓްރީގެ ދަށުން ކަމަށް ބުނެފައި ވެއެވެ.

އެ ނިންމުމާ ގުޅިގެން ޑިމޮކްރެޓްސްއަށް ނިސްބަތްވާ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ.

"ރަށްރަށުގެ ސްޕޯޓްސް ކައުންސިލަރުންވެސް އެންމެފަހުން މިނިސްޓްރީގެ ދަށަށް. ރަށްރަށުގެ ހުރިހާ ކަމެއް މަރުކަޒީ ސަރުކާރުގެ ދަށަށް ގެނައުން މުއިއްޒު ސްޕީޑުގައި ކުރިޔަށް." ވަހީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން