ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ބަލަމުން ގެންދާ މައްސަލައަކާ ގުޅިގެން މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދު މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައިވަނީ ގޯސްކޮށްކަމަށް ރައްޔިތުންގެ މަޖިލީހުގެ އެސްއޯސީ ކޮމިޓީން ނިންމައި ސަސްޕެންޝަން އުވާލަން އަންގާފައިވަނިކޮށް، ސަސްޕެންޝަންގެ މުއްދަތު އިތުރުކޮށްފިއެވެ.

ޕީސީބީގެ ފަރާތުން ސަމާހުއަށް މިއަދު ފޮނުވި ސިޓީގައި ބުނެފައި ވަނީ، އޭނާ ސައްޕެންޑް ކުރި މުއްދަތު މިއަދަށް ހަމަވެފައި ވާތީ، އަންނަ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް މުސާރައާއި އިނާޔަތްތައް ލިބޭ ގޮތަށް އޭނާގެ ސަސްޕެންޝަން އިތުރު ކުރުމަށް އެ ކޯޕަރޭޝަންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

ސާދަ ދުވަހުގެ މުއްދަތަށް ސަމާހު ސަސްޕެންޑް ކޮށްފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

އެ މައްސަލައާ ގުޅިގެން ޕީސީބީން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނީ ސަމާހުއާ ގުޅޭގޮތުން ކޯޕަރޭޓް ގަވަނެންސްއާ ގުޅުންހުރި މައްސަލަތަކެއް ޕީސީބީއަށް ހުށަހަޅާފައިވާތީ އެކަމުގެ ފުރިހަމަ އެންކުއަރީއެއް ހިންގުމަށްޓަކައި އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރަން ނިންމާފައިވާ ކަމަށެވެ.

ޕީސީބީން ސަމާހަށް މިދިޔަ މަހުގެ 29 ގައި ފޮނުވި ސިޓީގައި ވެސް ވަނީ އޭނާއާ ގުޅޭ 12 މައްސަލައެއް ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ.

މިމައްސަލައާއިގުޅޭ މައޫލޫމާތު ސާފުކުރެއްވުމަށް، ޕީސީބީގެ މެމްބަރުންނާއި ސީއީއޯ ސަމާހުވަނީ މި މަހުގެ 25 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އެސްއޯސީ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުވެސް ކޮށްފައެވެ. އެސްއޯސީ ކޮމިޓީގެ މިބައްދަލުވުމުގައި ސީއީއޯ ޝަމާހު ސަސްޕެންޑު ކުރި މައްސަލަ ސާފުކޮށްދޭން ޕީސީބީ ގެ މެމްބަރުންގެ ކިބައިން އެދުމުން މެންބަރުންވަނީ އިންކްއަރީ އަށް ހުރަސް އެޅިދާނެތީ ކަމަށް ބުނެ އެ މައުލޫމާތު ދޭން ދެކޮޅު ހަދާފައެވެ. ދެފަރާތުން ދެކެވުނު ވާހަކަތަކަށް ރިޔާއަށްކޮށް އެސްއޯއީ ކޮމިޓީން ނިންމީ މިފްކޯގެ ސީއީއޯ ސަސްޕެންޑްކުރަން ޖެހޭވަރުގެ އެއްވެސް މައްސަލައެއް އޮތްކަމަކަށް ނުބެލެވޭ ކަމަށެވެ.

މިފްކޯގެ އިސް ބައެއް މުވައްޒިފުން ބުނެފައިވަނީ އެއީ ސަމާހުގެ އެއްވެސް މައްސަލައެއް އޮވެގެން ހިންގާ ކަމެއް ނޫން ކަމަށެވެ. އެއީ ކުންފުނީގެ އިސް މުވައްޒިފެއްގެ ނުބައި ރޭވުމެއްގެ ތެރެއިން ހިނގަމުންދާ ކަމެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން