ދިވެހި ގައުމުގެ މިސްރާބު ރަނގަޅު ކަމަށާއި އެ މިސްރާބު ކަސިޔާރުކޮށްލަން އެއްވެސް ބަޔަކަށް ފުރުސަތު ދީގެން ނުވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ މައިޕާޓީ ޕީޕިއެމް/ ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓް ފަތުޙީގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްވަމުން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ދިވެހި ގައުމު ދަނީ ރަނގަޅު މިސްރާބުން ކަމަށެވެ.

އެގޮތުން ދިވެހި ރައްޔިތުންނަށް އާރޯކަން ލިބި އިންވެސްޓަރުންގެ އިތުބާރު ހޯދައި ދިވެހި ރައްޔިތުން ބާރުވެރިކޮށް ފުދުންތެރި ކުރެވޭނީ މިހާރު ގައުމު ގެންދާ މިސްރާބުން ގޮސްގެން ކަމަށާއި ބަޔަކު އުޅެނީ އެކަން ހަޖަމު ނުވެގެން ކަމުގައި ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"އެހެންވީމަ އަނެއްކާ ވެސް މިސްރާބުން ކައްސާލެވޭތޯ އެހެން ދިމާލަކަށް ގެންދެވޭތޯ އުޅޭ އުޅުމަށް އަޅުގަނޑުމެން ނުވާނެ އިޖާބަދީގެނެއް. އަޅުގަނޑުމެން ހެއު ވިސްނޭ މީހުން ގައުމު ދެކެ ލޯބިވާ މީހުން ވިސްނަންވާނީ ގައުމުގެ ކަންކަން ހިނގަމުންދާ ގޮތް އަމިއްލަ ލޮލުން ބަލައި އަމިއްލަ ސިކުނޑިން ވިސްނަންޖެހޭނީ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ދިވެހިރާއްޖެ އަކީ އަމިއްލަވަންތަ މިނިވަން ފަޚުރުވެރި ގައުމެއް ކަމަށެވެ. އަދި ދިވެހި ގައުމުގެ ކަންކަން ނިންމާނީ ދިވެހި ރައްޔިތުން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެއިން ކަންކަން ނިންމަންޖެހޭނީ ބޭރު ގައުމެއްގެ ސަފީރަކު އަންގާ ގޮތަށް ނޫން ކަމަށާއި އެކަން ދިވެހި ރައްޔިތުން މާޒީކޮށްލާފައިވާ ކަމަށެވެ.

"ބޭރު ބަޔަކު ބުނާހާ ގޮތަކަށް ކައިރީގައި ހުރި އެމްބަސީގެ އެމްބެސެޑަރު ވަޑަައިގެން ވިދާޅުވާ ގޮތަކަށް ނޫން މިގައުމުގެ ކަންކަން ހިގަންޖެހޭނީ، އެކަން މާޒީކޮށްފި ދިވެހި ރައްޔިތުން މިދިޔަ ރިޔާސީ އިންތިހާބުގައި. ދެން އަނެއްކާ އެމަގަށް މިސްރާބު ހިފަން ތިޔަބޭފުޅުން ފުރުސަތު ދީގެން ނުވާނެ، އެމިސްރާބު ނުހިފިގެން އެ އުޅެނީ އެމިސްރާބަކީ ހަމަ މިސްރާބެއް ނޫން، އެއީ ކަސިޔާރު މިސްރާބެއް. އެ މިސްރާބަކަށް ދާކަށް ނޫން އަނެއްކާ ނިންމަންވީ." އަންނަ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ބޭނުންކުރާ މިސްރާބު ހަމަ މަގަށް ޝިއާރަށް ފާޑުވިދާޅުވަމުން ރަައީސް މުއިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން