ދައުލަތުގެ ދަރަނި ބަރާބަރަށް ދައްކަމުން މިހާރު ގެންދަނީ ފައިސާ ޗާޕްނުކޮށް ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ގއ. ދާންދޫ ދާއިރާއަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ މުހައްމަދު ފަޒީލްގެ ކެމްޕޭނު ޖަގަހަ ހުޅުވަން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު 120 ބިލިއަން ރުފިޔާގެ ދަރަނި ހުރި ކަމަށެވެ. އަދި އެ ދަރަނިތައް ދައްކަން ޖެހޭ މުއްދަތުގައި ބަރާބަރަށް ދައްކަމުން ގެންދާ ކަމަށާއި އެގޮތުން މިދިޔަ މަހުގެ 19 ވަނަ ދުވަހަށް ހަމަވާ ލޯނެއްވެސް ދައްކާފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"ބޭރުގެ ދަރަނި އެ ވެސް އަޅުގަނޑުމެން ދެއްކިން ވަގުތަށް. އޭގެ ކުރިން ވެސް އޮތް ދަރަނި ދެއްކިން ވަގުތަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުން އިގްތިސާދު ވައްޓާލާފައިވާ އަނދަވަޅުން ނަގާ ކޮޅަށް ޖެހުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އެ ހުރިހާ މަސައްކަތެއް ސަރުކާރުން ކުރަމުންދަނީ ފައިސާ ޗާޕް ނުކޮށް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ފައިސާ ޗާޕުނުކޮށް، މުވައްޒަފުންގެ މުސާރަތައް ދީ، ދަރަނި އަދާކުރަމުން ގެންދާ ކަމަށެެވެ. އަދި ސަރުކާރު ކުންފުނިތަކުން ރަށްރަށުގައި ކުރިން ފަށައި ހުއްޓިފައި ހުރި މަޝްރޫއުތައް ވެސް އަލުން ފަށަން ތައްޔާރުވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެ މަޝްރޫއުތައް ހުއްޓިފައި ހުރީ އެމަޝްރޫއުތައް ފެށުމަށްފަހު ދޭން ޖެހޭ ފައިސާ ކުރީގެ ސަރުކާރުން ނުދީ އޮތުމުން ކަމަށެވެ.

"އަޅުގަނޑުމެން މި އަންނަނީ ހަމަ ފައިސާ ޗާޕުުނުކޮށް، މި ލިބޭ އާމްދަނީގެ ތެރެއިން ތަރުތީބުކޮށްގެން ކުންފުނިތަކަށް ލާރި ދީގެން، ޕެންޑިން ބިލުތަކަށް ލާރި ދީގެން، އެމީހުން މޮބިލައިޒްކުރުވައިގެން މަޝްރޫއުތައް ފައްޓުވަމުން މި ގެންދަނީ ރަށްރަށުގައި،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގައި އެންމެ ގިނަ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގާ އެއް ކުންފުންޏަކީ އެމްޓީސީސީ ކަމަށާއި އެ ކުންފުންޏަށް ތެޔޮ ލިބޭނެ ގޮތެއް ނެތިގެން ތެޔޮ ނޭޅި އޮތް އޮތުން ވެސް ސަރުކާރުން ހައްލުކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެމްޓީސީސީގެ ހުއްޓިފައި ހުރި މަޝްރޫއުތައް ފެށިގެން ކުރިއަށްދާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން