ޕީޕިއެމް ޕީއެންސީގެ ލީޑަރޝިޕުގެ އިސްބޭފުޅުން މަސައްކަތް ކުރީ އެމަނިކުފާނު ޖަލުގައި ބާއްވައިގެން ވެރިކަަމަށް އަންނަން ކަމަށް ކުރީގެ ރައީސް ޔާމިން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމިން މިހެން ވިދާޅުވީ ޕީޕިއެމް ޕީއެންސީ މަގުމަތި ކޮށްލަން އުޅުމުން އެ ފުރުސަތު ނުދީ މިއަދު ތިބީ ވެރިކަމަށް އައިސް ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުން ނެވެ.

ޕީއެންއެފް އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޔާމިން އަބުދުލްގައްޔޫމް ވިދާޅުވީ ޕީޕިއެމް ޕީއެންސީގެ ސަޕޯޓަރުން މަގުމަތިކޮށްލަން އެމަނިކުފާނު މަސައްކަތް ނުކުރަށްވާ ކަމަށެވެ. ޔާމިން ވިދާޅުވީ އެވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި އެއީ ރައްޔިތުންނަށް އޮޅުވާލަން ދައްކާ ވާހަކަތަކެއް ކަމަށެވެ.

ރައީސް ޔާމިން ވިދާޅުވީ ސްޕުރީމް ކޯޓުން އެމަނިކުފާނަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ހުކުމްކުރުމުގެ ކުރިން ޕީއެންސީގެ ކެންޑިޑޭޓަކު ދައްކާފައިވާނެ ކަމަށާއި އެ ކެންޑިޑޭޓްގެ ކެންޑިޑެންސީ ވެސް އިލެކްޝަން ކޮމިޝަނަށް ހުށައަޅާފައިވާނެ ކަމަށެވެ.

"ޕީޕިއެމް ޕީއެންސީގެ މެމްބަރުން މަގުމައްޗެއް ނުވާނެ، އަޅުގަނޑަށް ސްޕްރީމް ކޯޓުން ހުކުމްކުރުމުގެ ކުރިން ދެތިން ދުވަސް ކުރިން އޮންނާނީ ޕީއެންސީން ބޭފުޅަކު ދައްކާފައި އަދި އެބޭފުޅެއްގެ ކެންޑިޑެންސީ އޮތީ ފައިލްކޮށްފައި އަޅުގަނޑަށް ސްޕުރީމް ކޯޓުން ހުކުމް އައިއިރު، އަޅުގަނޑު ދެންނެވިން ކެންޑިޑެސީ ފައިލް ކުރަން ވެސް. އެހެންވީމަ ޕީޕިއެމް ޕީއެންސީ އާންމު މެމްބަރުން މަގުމައްޗެއް ނުވާނެ، އެދައްކަނީ ދޮގު ވާހަކަ. ކޯއްޗެއް އޮޅުވާލަން އެ އުޅެނީ، އެ ދައްކަނީ ދޮގު ވާހަކަ،" ޔާމިން ވިދާޅުވިއެވެެ.

ޔާމިން އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބު ބޮއިކަޓް ކުރުމަށް ހިޔާލެއް ކޮންގުރެސް އަށް ހުށައެޅުއްވި ކަމަށާއި އެގޮތަށް ހުށައެޅުއްވީ އެމަނިކުފާނަށް ވާދަނުކުރެވޭ އިންތިހާބެއް ބޮއިކަޓް ކުރާނެ ކަމަށް ލީޑަރޝިޕްގެ އިސްބޭފުޅުން ވިދާޅުވަމުން ގެންދަވާތީ ކަމަށެވެެ. ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމާ މެދު ހިޔާލެއް ހޯދުމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕަށް ހުށަހެޅުއްވީ އެ މަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުން އެ ކޯޓުގައި ރިވިއު ކުރަން ހުށަހަޅަން ފުރުސަތު ހޯދުމުގެ ގޮތުން ކަމަށް ޔާމިން ރޭ ވިދާޅުވިއެވެ.

ރަައީސް ޔާމިން ވިދާޅުވީ އެމަނިކުފާނު ޖަލުން މިނިވަންކުރަން ޕީޕިއެމް ޕީއެންސީގެ ލީޑަރޝިޕްގެ އިސްބޭފުޅުން ބޭނުންނުވާ ކަމަށެވެ. ޔާމިން ވިދާޅުވީ އެމަނިކުފާނު ޖަލުން މިނިވަންކުރަން ޕީޕިއެމް ޕީއެންސީ އަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވުނު ކަމަށެވެ. އަދި އެމަނިކުފާނު މިނިވަންކުރަން ގޮވާލާ ބޭއްވި މުޒާހާރާ ތަކަށް ނިކުންނަ ބައެއް މީހުން ޕާޓީ އޮފީހަށް ހާޒިރުކޮށް މުޒާހަރާ ތަކަށް ނުނިކުންނަން ލީޑަރޝިޕްގެ ލީޑަރަކު އެންގެވިކަމަށް ޔާމިން ވަނީ ތުހުމަތުކުރައްވާފައެެވެ.

ޔާމިން ވިދާޅުވީ ބައެއް ލީޑަރުން މުޒާހަރާތަކަށް ވަޑައިނުގަންނަވާ ކަމަށެވެ. އަދި ބައެއް ބޭފުޅުން އެއް ރޭ ވަޑައިގަތުމަށް ފަހު އަނެއް ރޭ މުޒާހަރާއަށް ވަޑައިނުގަންނަވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

"ވެރިކަން ނޫނީ ކުރިއަށްދާން ބޭނުންވާ މީހުން ތިބޭނެ، އެހެންނަމަވެސް އަޅުގަނޑުގެ މައްސަލައަކީ އަޅުގަނޑު ޖަލުގައި ބާއްވައިގެން އެކަން ކުރަން އެމީހުން ރާވާތީ، އޭގެ ބަދަލުގައި އަޅުގަނޑު މިނިވަންކޮށް ބަހައްޓާފައި އަޅުގަނޑާއި ވާހަކަ ދައްކާފައި ވާދަވެރި އިންތިހާބަކުން އެމީހުން ވެސް ހޮވެން ވީ ނޫންތޯ؟ ޕީޕިއެމް ޕީއެންސީގެ ތެރެއިން، އަޅުގަނޑަށް ހަމަ މިވިސްނެނީ އެކަކު ވެސް އެތާގައި ބޭނުމެއް ނުވޭ ވެރިންގެ ތެރޭގައި ތިބި މީހުން އަޅުގަނޑު ވީއްލޭކަށް ބޭނުންވާ މީހުންނެއް ނޫން އެތާ ތިބީ. މިނިވަންވާން ބޭނުންވާ މީހުން ތިބިނަމަ އެ މުޒާހަރާ އެހާ ފަނޑުކޮށެއް، އެހާ އާދައިގެ ގޮތަކަށް ނުދާނެ،" ރިޝްވަތާއި މަނީލޯންޑަރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމިން ވިދާޅުވިއެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން