ސިޔާސީ ގޮތުން ބޭނުންކުރުމުން ސަރުކާރު ކުންފުނިތައް ވަނީ ބަގުރޫޓުވާ ހިސާބުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިމޭރުމުން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން މިސަރުކާރުން ވެރިކަން ހިންގުމާ ޙަވާލުވިއިރު ސަރުކާރު ކުންފުނިތަކުގައި ހުރި ބޮޑެތި ދަރަނިތައް އަދާކުރުމަށް ގެންގުޅުއްވާ ޕްލޭނާ ގުޅޭގޮތުން އައްޑޫ ސިޓީ، ހިތަދޫ ޒެޓައިރު، ނައުޝާދު ޢަބްދުއްރައްޒާޤު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން ކުރަމުންދާ މަސައްކަތަކީ ސަރުކާރުގެ ކުންފުނިތަކުން ނަގާފައިވާ ލޯނުތަކާ ދަރަނިތަކަށް ރަނގަޅު ބަދަލެއް ގެނެސް އިގްތިސާދު ރަނގަޅުކުރުމުގެ މަސައްކަތް ކަމަށެވެ.

އޭގެ އިތުރުން ސަރުކާރު ކުންފުނިތައް ސިޔާސީ ގޮތުން ބޭނުންކުރުމުގެ ސަބަބުން ކުންފުނިތައް ހަލާކުވެ ބަގުރޫޓުވުމާ ހަމައަށް ގޮސްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"ބޮޑެތި ދެތިން ކުންފުނި ފިޔަވައި ފައިދާ ކުންފުންޏެއް ނެތް." ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކުންފުނިތައް އަލުން ޖެހުމަށްޓަކައި ބޭންކުތަކާ ވާހަކަދައްކަމުންދާ ކަމަށާއި، އާންމުންނަށް ދަރާފައިވާ ދަރަނިތައްވެސް ވަކިވަކިން ދެއްކުމުގެ ޕްލޭންތަކެއް ހެދި ކްރެޑިޓާސް އާއި މަޝްވަރާކުރެވި ފައިސާދެއްކުމުގެ ހުރިހާކަމެއް ރޭވިގެން ކުރިއަށް ގެންދާކަމަށެވެ.

ރައީސް މީގެ ކުރިން ރ. މީދޫގައި ބޭއްވި ޖަލްސާއެއްގައި ވިދާޅުވެފައިވަނީ ސަރުކާރު ކުންފުނިތަކުން އަމިއްލަ މީހުންނާއި އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ ގާތްގަނޑަކަށް 9 ބިލިއަން ރުފިޔާގެ ދަރަނި މިހާރު ވެސް އެބަ އޮތް ކަމަށާއި އެ ދަރަނިތައް ދެއްކުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.

އަދި ރަށްރަށުގައި ބައެއް މަޝްރޫއުތައް ހިންގާ ކުންފުނިތަކަށް ވެސް ފައިސާ ނުދީ ހުރުމުގެ ސަބަބުން މަސައްކަތް ހުއްޓިފައިވާ ކަމަށާއި، އެހެންވެ މަޝްރޫއުތައް އަވަސް ކުރުމަށް އެ ފައިސާ ކުންފުނިތަކަށް ދޫކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަަން ރައީސް ފާހަގަ ކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން