ފ. މަގޫދޫގެ އެއާޕޯޓު މަސައްކަތް ވަގުތުން ވަގުތަށް ފެށުމަށް އެމްޑީޕީއިން ސަރުކާރަށް ގޮވާލައިފިއެވެ.

މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ސަރުކާރުން ހުއްޓާލާފައިވާ ކަަމަށް ތުހުމަތުކޮށް އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ތަރައްޤީކުރަން ފަށައި، އަހަރު ދުވަސްތެރޭގައި މަސައްކަތުގެ ބޮޑުބައި ނިންމާލެވިފައިވާ މަގޫދޫ އެއާޕޯޓުގެ މަސައްކަތް މި ސަރުކާރުން ސިޔާސީ ބޭނުމަށް އެއްކޮށް ހުއްޓާލާފައިވާ ކަމަަށެވެ. އަދި އެމްޑީޕީއިން ވަނީ އެކަން ކުށްވެރި ކޮށްފައެވެ.

"ދައުލަތުގެ ވަޞީލަތްތައް އެއްވެސް ރޭވުންތެރިކަމެއްނެތި ބޭނުންކުރުމަށް, ތަރައްގީއަށް ހުރަސްއެޅޭގޮތަށް ބަދަލުކުރަމުން ދިއުމަކީ މިޕާޓީއިން ނުހަނު ކަންބޮޑުވާކަމަކަށް ވީހިނަދު މިޕާޓީން މިއަދުގެ ސަރުކާރަށް މިފަދަ ކަންކަން ނުކުރުމަށް ގޮވާލަން." އެމްޑީޕީގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނީ، މިކަމުން ދައުލަތުގެ މާލިއްޔަތަށް ގެއްލުންވެ ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ވަރަށް ބޮޑަށް ގެއްލޭނެ ކަމަށް އެ ޕާޓީން ގަބޫލު ކުރާ ކަމަށެވެ.

މަގޫދޫގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އެއަރޕޯޓުގެ މަސައްކަތުގެ 70 އިންސައްތަ ނިންމާފައިވާ ކަމަށް އެމްޑީޕީއިން ބުންޏެވެ.

"ފ. މަގޫދޫ އެއަރޕޯޓު މަސައްކަތް ކެންސަލްކޮށް ފ. ނިލަންދޫގައި އެއާރޕޯޓެއް އެޅުމަށް ނިންމާ އަވަސްއަރުވާލައިގެން އީއައިއޭ މަރުހަލާ ފުރިހަމަނުކޮށް ފަށައިގަތީ ރައީސް ޑރ. މުއިއްޒުގެ ކޮއްކޯފުޅު އަދި ޕީއެންސީގެ ކެނޑިޑޭޓު ފާތުމަތު ސައުދާއަށް އިންތިޚާބު ކާމިޔަބުކޮށްދިނުމަށް ކަމަށް މިޕާޓީއިން ދެކެން. އަދި މިއީ ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށް, ފާފުއަތޮޅާއި ރާއްޖޭގެ ތަރައްގީއަށް ކަނޑައެޅިގެން ގެއްލުންވާގޮތަށް ދައުލަތުގެ ހަޒާނާއިން އިސްރާފުކުރުންކަން ފާހަގަކޮށް އެކަން ހަރުއަޑުން ކުށްވެރިކުރަން." އެމްޑީޕީއިން ބުންޏެވެ.

މިރުހުނަތާ ގުޅިގެން ސަރުކާރުން ސީދާ ބަހެއް އަދި ނުބުނި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ކުރީގެ ސަރުކާރުން ފަށާފައިވާ ބައެއް މަޝްރޫޢުތައް ހުއްޓިފައި ވަނީ ފައިސާގެ މައްސަލަތަކާހުރެ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ހައްލުކޮށް މިސާރުކާރުން އެފަދަ މަޝްރޫޢުތައް މިހާރު ފަށަމުންދާ ކަމަށް ވެސް ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މި ދުވަސްވަރަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭންގެ ފޯރި ގަދަވެފައިވާ ދުވަސް ވަރަކަށްވާތީ އިންތިޚާބު ކާމިޔާބުކުރުމަށް ރައްޔިތުންގެ ތާއީދާ ރުހުން ހޯދުމަށް އިދިކޮޅުން ސަރުކާރާމެދު މިފަފަ ބޮޑެތި ތުހުމަތުތައް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން