ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީގެ އަތުގައި އޮވެގެން ވެސް މާލެ އަށް ކޮށްދެވުނު ކަމެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޮޅީ އުތުރު ދާއިރާ އަށް ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިހާރު މަޖިލީހުގެ މެޖޯރިޓީ އޮތް ޕާޓީގެ ސަރުކާރު ފަސް އަހަރު ދުވަހު އޮވެ ނިމިގެންދިޔައިރު ވެސް މާލޭގެ ތަރައްގީއަށްޓަކާ ކޮށްދެވުނު ކަމެއް ފެންނަން ނެތް ކަމަށެވެ. އެހެންކަމުން މިދިޔަ ރިޔާސީ އިންތިހާބުގައި އެކަން ބަދަލުކުރުމަށް ރައްޔިތުން ނިންމީ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން 2018 ގައި ވެރިކަމަށް އައުމަށާއި 2019 ގެ މަޖިލިސް އިންތިހާބުގެ ކެމްޕޭނުގައި ވެސް މާލޭގެ ރައްޔިތުންނަށް ގޯތި ދޭނެ ވާހަކަ އާއި ފްލެޓު ދޭނެ ވާހަކަ ދެއްކި ކަމަށެވެ. އެހެން ނަމަވެސް ވެރިކަން ލިބި އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމުން ވެސް އެއިން އެއްކަމެއް ވެސް ނުވި ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމްޑީޕީގެ ސަރުކާރާއި މަޖިލިސް އޮވެ މާލޭ ރައްޔިތުންނަށް ގޯތި ނުދެވުނު ކަމަށެވެ. އަދި އަންނަ މަޖިލީހުގެ މެޖޯރިޓީ ލިބުމުން މާލޭ ރައްޔިތުންނަށް ގޯއްޗާއި ފުލެޓް ދޭނެ ކަމަށް ބުނެ އެމްޑީޕީން މިހާރު ދައްކަމުން ގެންދާ ވާހަކަތައް ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"މަޖިލީހުގެ މެޖޯރިޓީ އޮވެ ފަސްއަހަރު ދުއްވާލާ ސަރުކާރު އޮވެ އަދި ދެން ހުރި ހުރިހާ ބާރެއް ވެސް އޮވެ އެބޭފުޅުން މަޖިލީހުގެ ބޭނުން ނާޖާއިޒު ގޮތުގައި ކޮށްގެން މިިނިވަން މުވައްސަސާ ތައް ވެސް ކޮންޓްރޯލް ކޮށްފައި އޮތީ ހުރިހާ ބާރެއް އޮތީ މުޅި ދައުލަތް އޮތީ، މުޅި ދައުލަތް ކޮންްޓުރޯލް ކޮށްގެން މާލޭގެ ރައްޔިތުންނަށް ގެދޮރުގެ މައްސަލަ ހައްލުނުކޮށް ނިމިގެންދިޔަ ދައުރެއް، ދެން މިހާރު ތިމަންމެންނަށް އަނެއްކާވެސް އެ މެޖޯރިޓީ ދިނީމައޭ މާލޭގެ ރައްޔިތުންނަށް ގޯތި ލިބޭނީ، މި ވާހަކަ ދެއްކީމާ ގަބޫލުކުރާނެ ބޭފުޅަކު އަޅުގަނޑު ހިތުން ނުހުންނާނެ،" ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން