2028 ވަނަ އަހަރު އެމްޑީޕީން އަލުން އަނބުރާ ވެރިކަމަށް އައުމަށްފަހު އުތުރުތިޅަފަޅަކީ ބޯހިޔާވަހިކަން ފޯރުކޮށްދޭ ތަނަކަަށް ބަދަލުކުރައްވާނެ ކަމަަށް އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއީލް މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިރޭ މާލޭގައި ބޭއްވި ކެމްޕޭނު އިވެންޓެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއީލް ވިދާޅުވީ އުތުރުތިލަފަޅުން ބިން ހިއްކައިގެން ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު އެއްބަސްވުން ހެދި ނަމަވެސް ޗައިނާގެ ކުންފުންޏަކުން އުތުރުތިޅަފަޅަށް އަންނަނީ ގަސް އިންދަން ނޫން ކަމަށެވެ. އެތަނުގައި ޗައިނާއިން ކުރާނީ މިލިޓަރީ މަސައްކަތް ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އުތުރުތިލަފަޅަކީ ރަނގަޅު އިގްތިސާދީ މަސައްކަތްތައް ކުރެވޭނެ ތަނެއް ކަމަށާއި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ރަނގަޅު ސަރަހައްދެއް ކަމަށެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ ޗައިނާގެ ނޭވީ އުޅަނދެއް ރާއްޖޭގެ ކަނޑުއަޑި އޮތް ގޮތް ބަލަމުން، ޗާޓު ހަދަމުންދާތާ ތިން މަސްވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ކުރީ ސަރުކާރުން އެފަދަ ކަންކަން ކުރީ ވެސް އެއްބަސްވުންތައް ހަދައިގެން ކަމަށާއި މިހާރު އެއްބަސްވުމެއް އޮތްކަން ނުވަތަ ނެތްކަން ވެސް ނޭނގޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ޗައިނާގެ އުޅަނދުން ހޯދާ މައުލޫމާތައް ވާނެ ގޮތެއް ވެސް ނޭނގޭ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ޚުދުމުހުތާރު ވެރިކަމަށް ނުގޮސް މި އޮތީ މިހާރު މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީ އަތުގައި އޮތުމުން ކަމަށެވެ. 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް މެޖޯރިޓީ ގެއްލިއްޖެނަމަ 2013 އަށްވުރެ ޚުދުމުހުތާރު ވެރިކަމަކަށް ދާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭނުގައި އިދިކޮޅުން ސަރުކާރަށް މިފަދަ އެކި ކަހަލަ ތުހުމަތުތައް ކުރަމުންދާއިރު ސަރުކާރުގެ ވެރިންނާއި ސީދާ ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ އިދިކޮޅުގެ އެ ތުހުމަތުތައް ދޮގުކޮށް ރައްދު ދެއްވަމުންނެވެ. އެގޮތުން މިހާރު ހިއްކަމުންދާ އިތުރު ތިލަފަޅުން ބައެއް ޒަމާނީ ދަނޑުވެރިކަމުގެ ބިޔަ މަޝްރޫއެއް ހިންގުމަށް ޚާއްސަ ކުރަނީ ކުރިން ކަންައަޅާފައިވާ ވަރަށްވުރެ އިތުރަށް ބިން ހިއްކައިގެން މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ކަނޑައަޅާފައިވާ މިންވަރަށްވުރެ ބިން އިތުރުކޮށްގެން ކަމަށް ސަރުކާރުން ބުނެއެވެ.

މީގެއިތުރުން ޗައިނާއާއި ބެހޭގޮތުން އިދިކޮޅުން ދައްކަނީ އެއްވެސް އަސާސެއް ނެތް ހެއްކެއް ވެސް ނެތް ވާހަކަތަކެއް ކަމަށާއި އެމްޑީޕީން އެފަދަ ތުހުމަތުތައް ކުރަނީ ނިމިދިޔަ ވެރިކަމުގައި އަވަށްޓެރި ގައުމެއްގެ ސަރުކާރު ދަށުވެ ގައުމުގެ މިނިވަންކަން ވެސް ގެއްލޭ ހިސާބަށް ކަންކަން ގޮސްފައިވާ ވާހަކަ ދައްކާތީ އެކަމަށް ފަސްއަޅާ ހަގީގަތް އޮޅުވާލުމަށް ކަމުގައި މި ސަރުކާރުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން