ޓްވިޓާގައި "ހަސަން ކުރުސީ" ގެ ނަމުގައި އޮޕަރޭޓް ކުރަމުން އައި އެކައުންޓް އަނެއްކާވެސް ސަސްޕެންޑްކޮށްފި އެވެ.

ޓުވިޓާއިން އެކައުންޓް ސަސްޕެންޑްކުރަނީ އެ ޕްލެޓްފޯމްގެ ގަވައިދުތަކާ ހިލާފުވާތީ އެވެ.

މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ވެސް ކުރުސީގެ އެކައުންޓް ސަސްޕެންޑް ކުރި އެވެ. ނަމަވެސް މަދު ވަގުތުކޮޅެއްގެ ތެރޭގައި އެކައުންޓް އެކްޓިވްވި އެވެ.

ގިނަ ބަޔަކު ފޮލޯ ކުރަމުން ގެންދާ "ހަސަން ކުރުސީ" އެކައުންޓަކީ މީސްމީހުންނާ ބެހޭ ގޮތުން ސާބިތު ނުހިފޭ އެތައް ތުހުމަތެއް ކުރާ ޓުވީޓާ އެކައުންޓެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. ނަމަވެސް މި އެކައުންޓްގައި ސިޔާސީ މަސްރަޙުގައި ހިނގާ ނޭއްގާނީ ގިނަ ކަންތައްތަކުގެ ހަގީގަތް ހާމަ ކުރަމުން ދާކަމަށް ޤަބޫލުކުރާ ބަޔަކުވެސް އުޅެއެވެ.

އެގޮތުން މި އެކައުންޓުން ސަރުކާރާއި، ސިޔާސީ އިސްފަރާތްތަކުގެ ސާބިތު ނުހިފޭ ވާހަކަތައް ގެނަސްދީ މީހުންގެ އަބުރަށް އަރައިގަނެ މުޖުތަމަޢުގެ އަދަބު އަޚުލާގުގެ އިންތައް ފަހަނައަޅާ ދާތީ މި އެކައުންޓް ބަންދު ކުރުމަށް ބައެއް ފަރާތްތަކުން އައީ ގޮވާލަމުންނެވެ. އެގޮތުން މިއަދު ހެނދުނު އެކައުންޓް ސަސްޕެންޑް ކޮށްފައިވީނަމަވެސް، އެ އެކައުންޓުން މީގެ ބައި ގަޑިއިއެއްހާއިރު ކުރިން ވަނީ "ގުޑް އާފްޓާނޫން" ޓްވީޓެއް ކޮށްފައެވެ. އޭގެ ފަހުން "ހަސަން ކުރުސީ"ގެ ރަސްމީ މަސައްކަތްތައް ވަނީ ފަށައިފައެވެ.

"ހަސަން ކުރުސީ" އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިންގަވާ ޓުވީޓާ އެކައުންޓެއް ކަމަށް ކުރެވޭ ތުހުމަތުތައް އެމަނިކުފާނު ވަނީ މީގެ ކުރިން ދޮގުކުރައްވާފައެވެ. އަދި އެ އެކައުންޓް ހިންގަނީ ރައީސް ނަޝީދުގެ ދަރިކަލުން ކަމަށް ބޭރުގެ ބަޔަކު ކުރި ތުހުމަތެއް ވެސް އެދެފަރާތުން ވަނީ ދޮގުކޮށްފައެވެ. ނަމަވެސް ކުރުސީ އެކައުންޓުން ރައީސް ނަޝީދާއި އެމަނިކުފާނުގެ ގާތް މީހުންނާ ބެހޭ ގޮތުން އެފަދަ ގޯސް އެއްވެސް ވާހަކައެއް ނުފަތުރާތީ އެ އެކައުންޓާ ރައީސް ނަޝީދާ ގުޅުމެއް ވާކަން ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

"ހަސަން ކުރުސީ" އެކައުންޓްގެ ފަހަތުގައިވާ މީހަކު ނުވަތަ ބަޔަކު ހޯދުމަށް ރައީސް ނަޝީދު ވަނީ ފުލުހުންގެ ކިބައިން އެދިވަޑައިގެން މައްސައެއްވެސް ހުށައަޅާފައެވެ. މިކަމާގުޅިގެން މިމައްސަލަ ތަހުގީކުރުމަށް ކްރިމިނަލް ކޯޓުން ފުލުހުންގެ އެދުމަކަށް ކޯޓުއަމުރެއްވެސް ނެރެދީފައި ވެއެވެ.

ނަމަވެސް މިހާތަނަށް އެ އެކައުންޓުގެ ފަހަތުގައިވާ ބަޔަކު ހޯދިފައެއް ނުވެއެވެ.

ގިބަ ބަޔަކު ކުރުސީ އެކައުންޓް ފޮލޯ ކުރަނީ ސާބިތު ނުހިފޭ، މީހުންގެ ޒާތީ ވާހަކަތައް ދައްކާތީ އެއީ ބޮޑު މަޖާ ގަނޑަކަށް ހަދައިގެންނެވެ. ސަރުކާރާ ދެކޮޅު ވާހަކަތައް ގެނެސްދޭތީ ވެސް ބައެއް މީހުން ކުރުސީ ފޮލޯ ކުރެއެވެ. ސަރުކާރުގެ ބައެއް އިދާރާތަކުގެ ތެރެއިން ކުރުސީއަށް މައުލޫމާތު ފޯރުކޮށްދޭ ބަޔަކު އުޅޭކަންވެސް ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން