ސްޕޯޓްސް އެރީނާ ގާއިމު ކުރުމުގެ ގިނަ މަސައްކަތްތަކެއް މި އަހަރުތެރޭ ހިނގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ރައީސް އޮފީހުން ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ސިލްސިލާގައި އާއްމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން، ނ. މާޅެންދޫ، ލައިފްހާޓް، މުޙައްމަދު ނިޝާމް، ރައީސާ ސުވާލު ކޮށްފައި ވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސްޕޯޓްސް އެރީނާތައް ޤާއިމުކުރެއްވުމުގެ ވަޢުދާ ގުޅޭގޮތުންނެވެ،

ނިޝާމް ބުނީ، ސްޕޯޓްސް އެރީނާތަކެއް ގާއިމު ކުރަން ރައީސްގެ ކެމްޕޭނުގައި ވައުދުވެވަޑައިގެންފައިވާ ކަމަށެވެ. އެހެންކަމުން އެތަންތަން ފެންނާނީ ކޮންއިރަކުންތޯ ނިޝާމް ސުވާލު ކޮށްފައި ވެއެވެ.

ޖަވާބުގައި ރައީސް ވިދާޅުވީ، ކުޅިވަރުގެ ދާއިރާއަކީ ސަރުކާރުން ވަރަށް އިސްކަންދޭ ދާއިރާއެއް ކަމަށެވެ. ކުޅިވަރަށް ހާއްސަ ވުޒާރާއެއް އުފެއްދި ބޭނުމަކީވެސް އެއީކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ކުޅިވަރު ކުޅޭނެ އެކިއެކި ވަސީލަތްތައް ގާއިމު ކުރުމާއި ކުޅިވަރު ކުޅޭ ފަރާތްތަކަށް އެކި ކަހަލަ ކަންތައްތައް ފަހިކޮށްދިނުމަކީ އެ ވުޒާރާގެ ބޭނުން ކަމަށެވެ.

"އެއީ ފަރުވާގެ ގޮތުން ވިޔަސް އަދި ތަމްރީނުގެ ގޮތުން ވިޔަސް، އެކަންކަން ފަހި ކޮށްދިނުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ސިޔާސަތެއް." ރައީސް ވިދާޅުވިއެވެ.

މިއަދާ ހަަމައަށް އައިއިރު އެކަމުގެ ގިނަ މަސައްކަތްތަކެއް ކުރެވިފައި ވާކަމަށް ރައީސް ވިދާޅުވިއެވެ.

އެކި ރަށްރަށުގައި އެކި ކަހަލަ ސްޕޯޓްސް ކޮމްޕްލެކްސް ގާއިމު ކުރުމާއި، ވަކި ކަހަލަ ކޯޓުތައް އަޅާދިނުމަކީ ވެފައިވާ ވައުދުތައް ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ މިހާރުވެސް އެކި ރަށްރަށުގައި އެފަދަ މަސައްކަތް ފެށުމުގެ މަރުހަލާގައިވާ ކަމަށެވެ. އަދި ބައެއް ރަށްރަށުގައި އަމަލީ ގޮތުންވެސް މަސައްކަތް ފެށިފައި ވާކަމަށެވެ.

އެހެންކަމުން، ސްޕޯޓްސް އެރީނާ އަދި ވަކިވަކި ކޯޓުތައް އެޅުމާއި، އިންޑޯ ކޯޓްތަކާއި، އަންހެން ބޭފުޅުންނަށް ބޭނުންވާ ހޭންޑްބޯލް ކޯޓްތައް އެޅުމަށް މި އަހަރު ތެރޭ ގިނަ މަސައްކަތްތަކެއް ހިނގާނެ ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން