ލުބުނާނުގެ ވެރިކަންކުރާ ރަށް ބެއިރޫތުގައި ބާރުގަދަ ގޮވުންތަކެއް ގޮވައި އެތައް ބަޔަކު މަރުވެ ބޮޑެތި ގެއްލުންތަކެއް ލިބުމާއި ގުޅިގެން ހިތާމަވެރި އުދަނގޫ މިދަނޑިވަޅުގައި ރާއްޖެ އޮތީ އެގައުމުގެ ރައްޔިތުންނާއި އެކު ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ބެއިރޫތުގައި ޕޯޓް ސަރަހައްދުގައި ގޮވާތަކެތި ރައްކާ ކޮށްފައި ހުރި ގުދަނަކުން ބާރުގަދަ ކެމިކަލް އެއް ކަމަށްވާ ''އެމޯނިއަމް ނައިޓްރޭޓް'' ތަކެއް ގޮވައި 78 މީހުން މަރުވެ 4000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. މިހާދިސާގައި ބެއިރޫތުގެ ގިނަ އިމާރާތްތަކެއް ބިމާ ހަމަވެ ސުންނާފަތިވެފައިވާއިރު އެގައުމުން މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ބައިނަލްއަގުއާމީ ގައުމުތަކުގެ އެހީއަށް އެދިފައެވެ.

އެކަމާ ގުޅިގެން ރައީސް ސޯލިހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ނުރައްކާތެރި ހާދިސާގައި ބާރުގަދަ ގޮވުންތަކެއް ގޮވައި އެތައް ބަޔަކު މަރުވެ ބޮޑެތި ގެއްލުންތަކެއް ލިބުނު މި ހިތާމެރި ވަގުތުގައި ރާއްޖެ އޮތީ ލުބުނާނުގެ ރައްޔިތުންނާއި އެކުގައި ކަމަށެވެ.



އިއްޔެ ހިނގި މިހާދިސާގައި ނިޔާވި މީހުންނާއި، އަނިޔާ ލިބުނު މީހުންގެ ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިހާދިސާގައި ނިޔާވި މީހުންގެ އާއިލާ ތަކަށާއި ޒަޚަމްވެ ގެއްލުން ލިބުނު އާއިލާތަކަށް ރައީސް ސޯލިހް ވަނީ ރާއްޖެ އާއި ދިވެހި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ފޮނުއްވާފައެވެ.

މީގެ އިތުރުން ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބެއިރޫތުގައި ގޮވުންތަކެއް ގޮވައި އެތައް ބަޔަކު މަރުވެ ބޮޑެތި ގެއްލުންތަކެއް ލިބުނު ޚަބަރު އެއްސެވީ ކުއްލި ހައިރާން ކަމާއި އެކުގައި ކަމަށެވެ. މި އުނދަގޫ ދަނޑިވަޅުގައި ރާއްޖެ އޮތީ ލުބުނާނުގެ ރައްޔިތުންނާއެކުކަމަށް ޝާހިދު ވިދާޅުވިއެވެ. މިހާދިސާ އާއި ގުޅިގެން މަރުވި މީހުންގެ އާއިލާތަކާއި ޒަޚަމްވެ ގެއްލުން ލިބުނު އާއިލާތަކަށް ޝާހިދުވެސް ވަނީ ތައުޒިޔާ ފޮނުއްވާފައެވެ.

ބެއިރޫތުގައި ގޮވުންތަކާއި ގުޅިގެން ކުރީގެ ރައީސް ، މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ވެސް ވަނީ އެހާދިސާ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން