ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހު، ފިތުރު ޒަކާތުގެ ގޮތުގައި ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބުނެފިއެވެ.

މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށާފައި ވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހުއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ، ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް މާލެއާއި އަތޮޅުތަކުގައި ފިތުރު ޒަކާތް ބަލައިގަންނަމުންދާނެ ކަމަށެވެ.

ރޯދަ މަހުގެ ފުރަތަމަ 20 ދުވަހު ޒަކާތް ދައްކާފައިވާ ނިސްބަތް އާއްމުކުރަމުން މޯލްޑިވްސް ޒަކާތު ހައުސްއިން ބުނީ، ޒަކާތުގެ ގޮތުގައި 4،499،433 ރުފިޔާ ލިބިފައިވާ ކަމަށެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭނީ ޢާންމުކޮށް އަހަރުތެރޭގައި ކައިއުޅޭ ބާވަތްތަކުން ޞާއެއްގެ މިންވަރު (2.4 ކިލޯ) ނުވަތަ އެއަށްވާ އަގެވެ.

އަތޮޅު ތެރޭގައި ފިތުރު ޒަކާތް ދައްކަން ޖެހެނީ އެ ރަށެއްގެ ރަށު ކައުންސިލް އިދާރާއަށެވެ. އަދި އޮންލައިންކޮށް ޒަކާތް ދެއްކުމަށް ދިރާގު ވެބްސައިޓާއި، ދިރާގު ޕޭ އާއި އެމްފައިސާ އާއި އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދެއްކޭނޭ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ޒަކާތު ހައުސްއިން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ބީއެމްއެލް ވެބްސައިޓުންނާއި، އެމްއައިބީ ފައިސާ ނެޓް އަދި މާލެއާއި ހުޅުމާލޭ ބްރާންޗު ކައުންޓަރުންނާއި، ފަހިޕޭ އެޕްލިކޭޝަން މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެ ކަމަށް ޒަކާތު ހައުސްއިން މަޢުލޫމާތު ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން