ފުވައްމުލަކު ސިޓީ ގައި ޗުއްޓީ ހޭދަކުރަމުންދާ ބްރެޒިލުގެ ފަތުރުވެރިއެއްގެ އަތުން ވަގަށް ނެގި ތަކެތި ފުލުހުން ހޯދާފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

މިރޭ ފުލުހުންގެ ސްޕޯކްސްޕާސަން އަޙްމަދު ޝިފާން ވިދާޅުވީ، އެ މައްސަލަ ތަހުގީގު ކުރުމުން ދެ މީހަކަށް ތުހުމަތު ކުރެވި އެ ދެމީހުން ހައްޔަރުކުރިކަމަށެވެ.

އަދި ފަތުރުވެރިޔާ އަތުން ވަގަށް ނެގި ތަކެތި އެ ދެ މީހުން އަތުން ހޯދާފައިވާކަމަށް ޝިފާންވަނީ ވިދާޅުވެފައެވެ.

ފަތުރުވެރިޔާ މީގެކުރިން ކިޔައިދިން ގޮތުން އެކަމެއް ހިނގާފައި ވަނީ އޭނާ ޑުރޯން ދުއްވަން އުޅެފައި މޫދަށް އެރުން ގަޑީގައެވެ.

ޑްރޯން ދުއްވަން ހުއްޓައި އުމުރުން 15 އަހަރާއި 17 އަހަރާއި ދެމެދުގެ ދެކުދިން އޭނާ ގާތުގައި އެއާއި ބެހޭ ގޮތުން ސުވާލުކުރިއެވެ. އޭގެ ފަހުން މޫދަށް އެރި އުޅެނިކޮށް ސައިކަލުގައި އައި ބަޔަކު އޭނާގެ ދަބަހާއި ޑްރޯން ގެންދިޔަ ކަމަށް އެ ފަތުރުވެރިޔާ ކިޔައިދިނެވެ.

ދަބަސް ތެރޭގައި ފޯނަކާއި، ވޮލެޓެއްގެ އިތުރުން މުހިއްމު ލިޔެކިޔުންތަކެއް ހުންނާނެ ކަމަށް ފަތުރުވެރިޔާ ބުންޏެވެ. ވޮލެޓުގައި 200 ޑޮލަރާއި 1،500 ރުފިޔާ އަދި ކްރެޑިޓުކާޑުތަކެއް އޮންނާނެ ކަމަށް އޭނާ ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން